ޕޮޓޭޓޯ ޗިޕްސް ދަޅުތަކަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ހާމަކޮށްފައިވާ ގޮތުގައި، މި ތަކެތި އަތުލައިގެންފައިވަނީ ކަނޑުމަގުން ރާއްޖެ ގެނައި މުދާ ޝިޕްމެންޓެއްގައި ޤާނޫނާއި ގަވާއިދާ ޚިލާފު ތަކެތި ހުރެދާނެކަމަށް ބެލެވިގެން ހިންގި ޚާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ މި ހިނގާ ޖޫން މަހުގެ 14 އަދި 15 ވަނަ ދުވަހު މާލޭ ކޮމާޝަލް ހާބަރުގައެވެ.
މި އޮޕަރޭޝަންގައި ބަލައި ފާސްކުރެވުނު ޝިޕްމަންޓުގެ ތެރެއިން، ޕޮޓޭޓޯ ޗިޕްސް ދަޅުތަކާއި ޗޮކްލެޓް ޕައުޑަރު ޕެކެޓުތަކުގައި ފޮރުވާފައި ހުރި 1,108 ވޭޕް ކާޓްރިޖް އަދި 27 ވޭޕް ޑިވައިސް ފެނިފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.
މި ތަކެތި މިހާރު ވަނީ ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ކަސްޓަމްސްއިން އިތުރަށް ބުނެފައިވަނީ، މި މައްސަލަ މިހާރު އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!