އެތައް ދަތިކަމަކާއި ތުރާލެއްގެ ތެރެއިން ވޯލްޑް ކަޕްގައި ވާދަކުރާ އިސްލާމިކް ރިޕަބްލިކް އޮފް އީރާންގެ ފުރަތަމަ މެޗުގައި ނިއުޒީލެންޑާ ވާދަކޮށް 2-2 އިން އެއްވަރުވެއްޖެއެވެ.
ހޯމަ ދުވަހުގެ ރޭ ކުޅުނު މި މެޗުގައި ނިއުޒީލެންޑުން ދެ ފަހަރު ކުރި ހޯދާފައިވަނިކޮށް، އީރާނުން ވަނީ ފަހަތުން އަރައި ނަތީޖާ ހަމަހަމަކޮށްފައެވެ. އީރާނަށް ނަތީޖާ ހަމަހަމަކޮށްދިން ލަނޑު 64 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހައްމަދު މުހައްބީއެވެ.
އީރާނުގެ ރާމިން ރެޒޭއިއަން މެޗުގެ ކުރީކޮޅު ލަނޑެއް ޖެހިއިރު، މުހައްބީ ކާމިޔާބުކުރި ލަނޑު ޖެހުމަށް އެހީތެރިވެދިނީ ވެސް އޭނާއެވެ. ފެބްރުއަރީ 28 ގައި އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ހަނގުރާމަ ފެށި ފަހުން، އީރާނުގެ ވޯލްޑް ކަޕް ދަތުރު އޮތީ ވަރަށް ބޮޑު ހަލަބޮލިކަމެއްގެ ތެރޭގައެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗު އެމެރިކާއިން ބޭރަށް ބަދަލުކޮށްދިނުމަށް ފީފާގައި އެދުނު އެދުން ބަލައިނުގަތުމުން ވެސް، އީރާނުން ނިންމީ މުބާރާތުގައި ވާދަކުރުމަށެވެ.
މުހައްމަދު މުހައްބީ އީރާނަށް ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކޮށްދިން ގޯލް ޖެހުމަށްފަހު، ފޮޓޯ: ނިއުޔޯކް ޓައިމްސް
އެމެރިކާގައި ކޭމްޕް ކުރުމުގެ ހުއްދަ ނުދިނުން މުބާރާތުގެ ތެރޭގައި އީރާނުނަށް ވަނީ އެމީހުންގެ ޓްރެއިނިންގ ބޭސް އެރިޒޯނާއިން މެކްސިކޯގެ ޓިހުއާނާއަށް ބަދަލުކުރަން ޖެހިފައެވެ. އަދި އެމެރިކާގައި އީރާން ޓީމު ތިބެން ދަތިކޮށް ހުއްދަ ނުދޭތީ ޓީމުން އެމެރިކާއަށް ދަނީ ކޮންމެ މެޗެއްގެ އެއް ދުވަސް ކުރިންނެވެ. މެޗު ނިމުމާއެކު އަވަހަށް މެކްސިކޯއަށް އެނބުރާދާން ޖެހެއެވެ.
ކެޕްޓަން މެހްދީ ތާރޭމީ ބުނި ގޮތުގައި މި ވޯލްޑް ކަޕަކީ އޭނާއާއި އޭނާގެ ޓީމުގެ ކުޅުންތެރިންނަށް ފުޓްބޯޅައިން ލިބޭ އުފާވެރިކަން ވަރަށް ކުޑަ، އުނދަގޫ ތަޖުރިބާއެކެވެ.
"ޓީމް މެއްލީ" މުބާރާތް ފެށީ ލޮސް އެންޖެލެސް ކައިރީގައި އޮންނަ ސޯފައި ސްޓޭޑިއަމްގައެވެ. މިއީ އީރާނުން ބޭރުގައި އެންމެ ގިނަ އީރާނު މީހުން ދިރިއުޅޭ ސަރަހައްދެވެ. ސްޓޭޑިއަމް ބޭރުގައި އެތައް ސަތޭކަ އީރާނު-އެމެރިކާ މީހުން އީރާނު ސަރުކާރާ ދެކޮޅަށް މުޒާހަރާ ކުރަމުންދިޔައިރު، ގައުމީ ސަލާމް ކުޅުނު ވަގުތު ސަޕޯޓަރުންތަކެއް ވަނީ އަޑުގަދަކޮށް، ދަނޑަށް ފުރަގަސްދީފައެވެ. ނަމަވެސް މެޗު ފެށުމާއެކު ގާތްގަނޑަކަށް ހުރިހާ ސަޕޯޓަރުން ވެސް އީރާނުގެ ކުޅުންތެރިންނަށް ސަޕޯޓްކުރި ތަން ފެނުނެވެ. މިގޮތަށް ޢަމަލުކުރަމުން އަންނަ ސަޕޯޓަރުންނަކީ އީރާނުގެ މިހާރުގެ ވެރިކަން ބަދަލުކުރަން ތާއީދުކުރާ ހުޅަނގުގެ މަދަދު ލިބޭ މީހުންނެވެ.
އީރާން ޓީމުން އުފާ ފާޅުކުރަނީ، ފޮޓޯ: އޭޕީ
މެޗު ފެށުމުގެ ކުރިން އޮތް ހަލަބޮލި މާހައުލަށްފަހު، ހަތްވަނަ މިނެޓުގައި ނިއުޒީލެންޑުން ސަޕޯޓަރުން ސިއްސުވާލިއެވެ. ކެޕްޓަން ކްރިސް ވުޑް، ގޯލް ކިކެއް ހުއްޓުވައި ޖަސްޓްއަށް ދިން ބޯޅަ، އޭނާ ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތެރެއަށް ފޮނުވާލާފައެވެ.
އީރާނުން ހިތްވަރު ކުރިއަށް ނެރެ ކުޅުން ރަނގަޅުކޮށް، 32 ވަނަ މިނެޓުގައި ރެޒޭއިއަން ޖެހި ލަނޑުން ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް 54 ވަނަ މިނެޓުގައި ޖަސްޓް އަނެއްކާވެސް ލަނޑެއް ޖަހައި ނިއުޒީލެންޑަށް ކުރި ހޯދައިދިނެވެ. މި ލަނޑުގައި ވެސް ކްރިސް ވުޑްގެ އެހީތެރިކަން ބޮޑެވެ.
އީރާނުން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަކުރީ 64 ވަނަ މިނެޓުގައެވެ. ރެޒޭއިއަން ފޮނުވާލި ފުރިހަމަ ދިގު ޕާހެއް، މުހައްބީ ވަނީ ބޮލުން ގޯލުގެ ތެރެއަށް ވައްދާލާފައެވެ. އޭގެ ފަހުން ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ފުރުސަތުތައް ލިބުނު ނަމަވެސް ކާމިޔާބެއް ނުވިއެވެ.
އީރާނުން ވަނީ ދަތިކަމުގައި ވެސް ވަރަށް ހިތްވަރާއެކު ކުޅެފައި، ފޮޓޯ: ނިއުޔޯކް ޓައިމްސް
މެޗު ނިމުމުން ދެ ޓީމުގެ ކުޅުންތެރިން އެއްބަޔަކު އަނެއް ބަޔަކާއި ސަލާމްކޮށް ބައްދާލިއިރު، ބައެއް ކުޅުންތެރިން ޖާޒީ ބަދަލުކުރި ތަން ވެސް ފެނުނެވެ. އީރާނުގެ ކޯޗު އާމިރު ގަލެނޯއީ އެކަނިމާއެކަނި ޑަގްއައުޓުގައި އިންއިރު، ކުޅުންތެރިން ވަނީ ދަނޑު ވަށައިގެން ހިނގައި، ދިދަ ހޫރަމުންދިޔަ އެތައް ހާސް ސަޕޯޓަރުންނަށް ޝުކުރު އަދާކޮށްފައެވެ.
އީރާނަކީ ދުނިޔޭގެ ރޭންކިންގެ 20 ވަނަ އެވެ. މިއީ އެ ގައުމުން ވޯލްޑް ކަޕްގައި ވާދަކުރާ ހަތްވަނަ ފަހަރެވެ. ނަމަވެސް "ޓީމް މެއްލީ" އަށް އަދި ދުވަހަކުވެސް ގްރޫޕް ސްޓޭޖުން ކުރިއަށް ދެވިފައެއް ނުވެއެވެ.
ނިއުޒީލެންޑަކީ މި މުބާރާތުގައި ހިމެނޭ އެންމެ ދަށް ރޭންކިންގެ ޓީމެވެ (85 ވަނަ). މިއީ 2010 ވަނަ އަހަރަށްފަހު އެ ގައުމުން ވޯލްޑް ކަޕަށް ކޮލިފައިވި ފުރަތަމަ ފަހަރެވެ.ވޯލްޑް ކަޕްގައި ބައިވެރިވާ ޓީމުތަކުގެ އަދަދު 48 އަށް އިތުރުކުރުމާ ގުޅިގެން، އޯޝޭނިއާ ފުޓްބޯޅަ ކޮންފެޑެރޭޝަންގެ 13 މެންބަރު ގައުމުގެ ތެރެއިން މުބާރާތަށް ސީދާ ކޮލިފައިވުމުގެ ފުރަތަމަ ފުރުސަތު 'އޯލް ވައިޓްސް' އިން ވަނީ ކަށަވަރުކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!