ކުޅިވަރު ކުޅޭ ހުރިހާ ތަނެއްގައި ނަމާދު ވަގުތު ޖެހުމާ އެކު 20 މިނެޓަށް ކުޅިވަރު ހަރަކާތްތައް މެދުކަނޑާލަން މިނިސްޓްރީ އޮފް ޔޫތު އެމްޕަވަރމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް އިން ގައުމީ ކުޅިވަރު އެސޯސިއޭޝަންތަކަށް އަންގައިފިއެވެ.
މިނިސްޓްރީން ފޮނުވި ސާކިއުލާގައި ބަޔާންކޮށްފައިވާ ގޮތުގައި މިއީ ސަރުކާރުގެ ސިޔާސަތެއްގެ ގޮތުގައި މިހާރު ވަނީ ކަނޑައަޅާފައެވެ.
މި ނިންމުމުގެ ދަށުން އެސޯސިއޭޝަންތަކުގެ އިތުރުން ކްލަބްތަކާއި، އެކަޑަމީތަކާއި އަދި އަމިއްލަ ފަރާތްތަކުން ހިންގާ ހުރިހާ ކުޅިވަރު ހަރަކާތްތަކެއް ވެސް ނަމާދު ވަގުތަށް މެދުކަނޑާލަން ޖެހޭނެއެވެ.
ކުޅިވަރު ކުޅޭ މައިދާންތަކާއި މަރުކަޒުތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖައްސައި، ނަމާދު ވަގުތަށް ކުޅިވަރު މެދުކަނޑާލަންޖެހޭ ގޮތަށް ހަމަޖައްސަވާނެކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރެއްވީ 1 ޖޫން 2026 ގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
"ބަންގި ގޮވާ ގަޑިން ފެށިގެން ކަނޑައެޅޭ ވަކި ވަގުތުކޮޅެއް ވަންދެން ހުރިހާ ކުޅިވަރުތަކެއް މެދުކަނޑާލަންޖެހޭ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ގެންނަން؛ އެއީ 20 މިނެޓަށް ވިޔަސް،" އެދުވަހު ރައީސް ވިދާޅުވެފަވެއެވެ.
މި ސިޔާސަތުގެ ދަށުން ކުޅިވަރު ކޮމްޕްލެކްސްތަކާއި ސަރުކާރުން އަޅާ ކުޅިވަރު އިމާރާތްތަކުގައި ނަމާދު ކުރެވޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ. މީގެ ބޭނުމަކީ ކުޅިވަރު ކުޅެން ހުރެފައި ނަމާދު ވަގުތު ގެއްލުނަނުދީ، ފަސޭހަކަމާއެކު ނަމާދު ކުރެވޭނެ މަގު ފަހިކޮށްދިނުމާއި، ކުޅިވަރު މައިދާންތަކުގައި އުޅޭއިރު ނަމާދު ވަގުތުތަކަށް އިސްކަންދިނުމުގެ އާދަ އަށަގަންނުވައި އެކަމަށް މަގުފަހިކޮށްދިނުމެވެ.
ރައީސް މުޢިއްޒު އިތުރަށް ވިދާޅުވި ގޮތުގައި، ދިވެހި މުޖުތަމަޢަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި އަސާސްތަކުގެ މައްޗަށް ބިނާވެފައިވާ ގުޅުން ބަދަހި މުޖުތަމަޢެއް ކަމަށްވާތީ، ހުރިހާ މާނައެއްގައި އެ އަސާސްތައް ދެމެހެއްޓުމަކީ މުހިންމު ކަމެކެވެ. އެގޮތުން ކުރިއަށް އޮތް ތަނުގައި ސަރުކާރުން އަޅާ ހުރިހާ ކުޅިވަރު އިމާރާތްތަކެއްގައި ވެސް ނަމާދު ކުރެވޭނެ އިންތިޒާމުތައް ހިމެނޭނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!