ފީފާ ވޯލްޑް ކަޕްގައި ރެފްރީކަން ކުރުމަށް އެމެރިކާއަށް އެތެރެވުމުގެ ހުއްދަ ނުލިބުނު ސޯމާލިއާގެ ރެފްރީ އުމަރު އަބްދުލްގާދިރު އަރުތާން މުބާރާތުގައި ބައިވެރިނުވި ނަމަވެސް އޭނާއަށް ލިބެންޖެހޭ ފުރިހަމަ ފީ ދިނުމަށް ފީފާއިން ނިންމައިފިއެވެ.

ބީބީސީ ސްޕޯޓްސް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، އަރުތާން މުބާރާތުގައި އެއްވެސް ދައުރެއް އަދާނުކުރި ކަމުގައިވިޔަސް، އޭނާގެ މުސާރަ ދިނުމަށް ފީފާއިން ވަނީ އެއްބަސްވެފައެވެ.

Ad
rt

އުމުރުން 34 އަހަރުގެ އަރުތާން އަކީ ފީފާ ވޯލްޑް ކަޕެއްގައި ރެފްރީކަން ކުރުމުގެ ފުރުސަތު ލިބުނު ސޯމާލިއާގެ ފުރަތަމަ ރެފްރީއެވެ. ނަމަވެސް، އޭނާގެ އަތުގައި ސައްހަ ވިސާއަކާއި ޑިޕްލޮމެޓިކް ޕާސްޕޯޓެއް އޮތް ނަމަވެސް، މިއާމީ އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ އެމެރިކާއަށް އެތެރެވިޔަނުދީ ވަނީ ހިފަހައްޓާފައެވެ. އެމެރިކާގެ އޮފިޝަލުން ބުނާ ގޮތުގައި އޭނާ އެތެރެވިޔަނުދިނީ "ވެޓިންގް" މަރުހަލާގައި ހުރި ކަންބޮޑުވުންތަކަކާ ގުޅިގެންނެވެ.

މި މައްސަލައިގައި ބައެއް އޮފިޝަލުން ތުހުމަތުކުރާ ގޮތުގައި އަރުތާން އާ ބައެއް ޓެރަރިސްޓް ޖަމާއަތްތަކާ ގުޅުން އޮވެއެވެ. އެއީ އޭނާ އަކީ މުސްލިމަކަށް ވުމުން އަޅުވާ ޓެގެކެވެ. ނަމަވެސް މި ތުހުމަތުތަކަށް އެއްވެސް ހެއްކެއް އާންމުކޮށްފައި ނުވާއިރު، އަރުތާން ވަނީ އެކަން ދޮގުކޮށްފައެވެ. އެއާޕޯޓުގައި އެތައް ގަޑިއިރެއް ވަންދެން ބެހެއްޓުމަށްފަހު އޭނާ ވަނީ އަނބުރާ ފޮނުވާލާފައެވެ.

ފީފާއިން ކޮށްފައިވާ މި ނިންމުމަކީ އަރުތާން އަށް ދިން ވަރަށް ބޮޑު އެއްބާރުލުމެކެވެ. އާންމުގޮތެއްގައި ރެފްރީންނަށް ފައިސާ ދޫކުރަނީ މުބާރާތް ނިމުމުން، އެމީހަކު އިންސާފުކުރި މެޗުތަކަށް ބަލާފައެވެ. އަރުތާން އަކީ 2025 ވަނަ އަހަރުގެ ކެފް (ސީއޭއެފް) އެންމެ މޮޅު ރެފްރީގެ މަގާމު ހޯދާފައިވާ ފަރާތެކެވެ. ފީފާއިން ބުނެފައިވަނީ އެމެރިކާގެ އިމިގްރޭޝަން ނިންމުންތަކަށް ބަދަލު ނުގެނެވޭނެ ކަމަށެވެ.

އެމެރިކާއިން އެނބުރި ސޯމާލިއާގެ މޮގަދިޝޫއަށް ދިއުމުން އަރުތާން އަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. އެގައުމުގެ ރައީސާއި ގިނަ އަދަދެއްގެ އާންމުން ވަނީ އޭނާއަށް މަރުހަބާ ކިޔުމަށް އެއާޕޯޓަށް ގޮސްފައެވެ. މީގެ އިތުރުން، ޔޫއެފާއިން ވަނީ މިއަހަރުގެ އޮގަސްޓް މަހު ކުޅޭ ޔޫއެފާ ސުޕަ ކަޕް ފައިނަލް (ޕީއެސްޖީ އާއި އެސްޓަން ވިލާ ބައްދަލުކުރާ މެޗު) އިންސާފުކުރުމަށް އޭނާ ހަމަޖައްސާފައެވެ.