ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް ހޮނިހިރު ދުވަހު ބޭއްވި އިތުރުބުރުގެ ވޯޓުގައި ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީން)ގެ ކެންޑިޑޭޓް ސުހާ އިބްރާހިމް ކާމިޔާބުކުރުމުން އެކަން ފާހަގަކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު މިއަދު ހަވީރު މީދޫއަށް ވަޑައިގަންނަވައިފިއެވެ.

ދ. މީދޫ ކައުންސިލް ރައީސް މަޤާމަށް މީހަކު ހޮވުމަށް އިތުރުބުރެއް ބާއްވަން ޖެހުނީ ދ. މީދޫ ކައުންސިލްގެ ރައީސްގެ ނަތީޖާ އެއް ވޯޓުގެ ތަފާތެއްގައި އޮއްވާ އިތުރު ވޯޓެއް ސައްހަ ކަމަށް ހައި ކޯޓުން 14 މެއިގައި ކުރި ހުކުމާއި ގުޅިގެންނެވެ.

Ad
rt

މި ހުކުމާއި ގުޅިގެން ބޭއްވި އިތުރު ބުރުގެ ވޯޓުގައި ސުމާ ކުރި ހޯދީ މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ)ގެ ކެނޑިޑޭޓް މުހައްމަދު ޝާހިދު 80 ވޯޓުގެ ތަފާތަކުން ބަލިކޮށްގެންނެވެ.

އޭޕްރިލް 4 ގައި ލޯކަލް ކައުންސިލް އިންތިޚާބުގައި މީދޫ ކައުންސިލްގެ އަނެއް ދެ ގޮނޑި ކާޔާބުކޮށްފައި ވަނީ ވެސް ޕީއެންސީންނެވެ. މިގޮތުން ރަށު ކައުންސިލް މެމްބަރުކަމުގެ ގޮނޑި ޕީއެންސީގެ ހުސައިން ރަޝީދު ކާމިޔާބުކޮށްފައިވާއިރު، ކައުންސިލުގައި އަންހެނުންނަށް ހާއްސަކުރި ގޮނޑި ކާމިޔާބުކުރީ ޕީއެންސީގެ މިސްކާ އަބްދުއް ރަހްމާނެވެ. އެހެންކަމުން މީދޫ ކައުންސިލުގެ ހުރިހާ ގޮނޑިއެއްވެސް މިހާރު ކާމިޔާބުވެފައިވަނީ ޕީއެންސީއަށެވެ.

މީދޫން ލިބުނު ކާމިޔާބު ފާހަގަކުރުމަށް ރައީސް މިކުރަށްވާ ދަތުރުފުޅުގައި މިރޭ އެރަށުގައި ޕީއެންސީގެ ހާއްސަ ޖަލްސާއެއް ވެސް އޮންނާނެކަމަށް މައުލޫމާތު ލިބެއެވެ.

ރައީސްގެ މި ދަތުރުފުޅުގައި، ބައެއް ވަޒީރުންނާއި މަޖިލިސް މެންބަރުންގެ އިތުރުން ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންވެސް ބައިވެރިވެވަޑައިގަންނަވައެވެ.