ސައޫދީއަރަބިއްޔާއިން ފުރަތަަމަ ފަހަރަށް މީހަކު ކޮވިޑް-19އަށް ޕޮޒިޓިވް ވެއްޖެކަމުގައި އެޤައުމުގެ ރަސްމީ އިދާރާތަކުން ބުނެފިއެވެ.
ސައޫދީގެ ސިއްހަތާއި ބެހޭ ވުޒާރާއިން ބުނީ، ކޮވިޑް-19 އަށް މިއަދު ޕޮޒިޓިވްވި މީހަކީ، ސައޫދީގެ ރައްޔިތެއް ކަމަށާއި، އޭނާ ވަނީ، މިހާރު އެބަލި އެންމެ ބާރަށް ފެތުރެމުންދާ އީރާނާއި ބަހުރައިނަށްވެސް ޒިޔާރަތްކޮށްފައި ކަމަށެވެ. އަދި އޭނާ އީރާނުން ސައޫދީ އަރަބިއްޔާއަށް އެތެރެވެފައި ވަނީ، ބަހުރައިން މަގުން ކަމުގައިވެސް ސައޫދީގެ އޮފިޝަލުން ވިދާޅުވެފައި ވެއެވެ.
ސައޫދީ އަރަބިއްޔާގެ ހެލްތު މިނިސްޓަރ ތައުފީޤު އަލްރަބީ ވިދާޅުވީ، ކޮވިޑް-19އަށް ސައޫދީން މިހާތަނަށް ކޮވިޑް-19އަށް ޝައްކު ކުރެވޭ 290 ކޭސް ފެނިފައިވާ ކަަމަށެވެ. އަދި އެބައްޔަށް މިހާތަނަށް 298 މީހުން ޓެސްޓްކުރި އިރު އެއެެންމެންވެސް ނެގެޓިވްކަމަށެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާ އެކަހެރިކޮށް މިހާރު ހޮސްޕިޓަލްގައި ފަރުވާދެމުންދާކަމުގައި އޭނާ ވިދާޅުވިއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށްފައި ވާކަމުގައިވެސް ސައޫދީއަރަބިއްޔާގެ ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.
ކޮވިޑް-19އަށް ޕޮޒިޓިވްވި މީހާ ފެނުނީ ކޮން ސިޓީއަކުން ކަމެއް ސައޫދީން ހާމައެއް ނުކުރެއެވެ. ކޮވިޑް-19 އާއި ގުޅިގެން ސައޫދީއަރަބިއްޔާއިން މިހާރުވަނީ އެހެން ޤައުމުތަކުގެ މީހުން އުމުރާއަށް އައުންވެސް މަނާކޮށްފައެވެ.
ކޮވިޑް-19 އަކީ މުޅިދުނިޔެއަށް ފެތުރިގެންދާނެ ބޮޑު ބަލިމަޑުކަމަކަށް ވެދާނެ ކަމުގެ އިންޒާރު ޑަބުލިޔުއެޗްއޯއިން މިހާރުވަނީ ދީފައެވެ.
ސައުދީއިން ކޮވިޑް-19 ފެނިފައިމިވަނީ ކޮވިޑް-19 ފެތުރެމުންދާތީ އުމްރާއަށް މީހުން އައުމާއި މަސްޖިދުއް ނަބަވީއަށް ޒިޔާރަތްކުރުން ސައޫދީ އަރަބިއްޔާ އިން ވަގުތީ ގޮތުން މަނާކޮށްފައިވަނިކޮށްށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!