އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް، ފުލުފުލުގައި އީރާނަށް އިންޒާރު ދެއްވުމަށް ފަހު ވަގުތު ރާގު ބަދަލުވެ އީރާނަށް ދިނުމަށް ރާވާފައިވާ ހުރިހާ އަސްކަރީ ހަމަލާތަކެއް މިއަދު ރަސްމީކޮށް ކެންސަލް ކުރައްވައިފިއެވެ.

އެކަން ޢިއުލާންކުރަށްވަމުން ޓްރަމްޕް ވިދާޅުވީ ދެ ގައުމުގެ ދެމެދުގައި ވެވޭ އެއްބަސްވުމުގެ ފަހުގެ ނުކުތާތަކަށް މިކަމުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން މިހާރު ރުހުން ދީފައިވާ ކަމަށެވެ.

Ad
rt

މި ނިންމެވުމަކީ މުޅި ދުނިޔެ ސިއްސުވާލި ބޮޑު ކުރިއެރުމެކެވެ. މި ރޭގެ ވަގުތެއްގައި ޓްރޫތު ސޯޝަލް މެދުވެރިކޮށް ޓްރަމްޕް މިކަން އިއުލާނު ކުރެއްވީ، އީރާނުގެ ހަކަތައާ ބެހޭ އިންފްރާސްޓްރަކްޗާއަށް ވަރުގަދަ ހަމަލާތަކެއް ދޭނެ ކަމުގެ އިންޒާރު ކުރިން ދެއްވާފައި ވަނިކޮށެވެ. މި ނިންމުމާއެކު ސަރަހައްދީ ހަނގުރާމައެއްގެ ބިރު މިވަގުތަށް ވަނީ ކުޑަވެފައެވެ.

ޓްރަމްޕް ހާމަކުރެއްވި ގޮތުގައި، މި އެއްބަސްވުމުގެ ފަހުގެ ނުކުތާތައް ވަނީ އެމެރިކާ، އިސްރާއީލް، ސައުދީ އަރަބިއްޔާ، ޔޫއޭއީ، ގަތަރު، ތުރުކީ އަދި ޕާކިސްތާން ހިމެނޭ ބޮޑު ކޯލިޝަނަކުން ފާސްކޮށްފައެވެ. ނަމަވެސް، މި އެއްބަސްވުން މުޅިން ނިމެންދެން އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާއިން އީރާނު ބަންދުކޮށްފައި އޮތް އޮތުން ދަމަހައްޓާނެ ކަމަށް ވަނީ ބުނެފައެވެ.

މި އެއްބަސްވުމުގެ މައިގަނޑު އަސާސަކީ އޭޕްރީލް މަހު ގާއިމުކުރި ވަގުތީ ސުލްހަ ދާއިމީ ކުރުމާއި، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމެވެ. ގަތަރު މެދުވެރިވެގެން ކުރިއަށްދާ މި މަޝްވަރާތަކުގައި، އީރާނުގެ ހިފަހައްޓާފައިވާ ފައިސާ ދޫކުރުމާއި ހޯމްޒް ކަނޑުއޮޅި އަލުން ހުޅުވާލުމުގެ އުސޫލުތައް ހިމެނެއެވެ.

ޓްރަމްޕް މިފަދައިން ވިދާޅުވި ނަމަވެސް، އީރާނުގެ ދައުލަތުގެ މީޑިއާތަކުން ބުނަމުންދަނީ އަދި ރަސްމީ އެއްބަސްވުމެއްގައި ސޮއިނުކުރާ ކަމަށެވެ. މަސްދަރުތަކުން ބުނާ ގޮތުގައި، އެއްބަސްވުމުގެ އޮނިގަނޑަށް ރުހުން ލިބިފައިވީ ނަމަވެސް، އެންމެ ފަހުގެ ނިންމުން ނިންމަވާނީ އީރާނުގެ އެންމެ މަތީ ވެރިޔާ މުޖްތަބާ ޚާމަނާއީއެވެ.

މި ޚަބަރާއެކު ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ވަނީ ދަށަށް ގޮސްފައެވެ. ނަމަވެސް، ފާއިތުވި ދެ މަސްދުވަހު މަޝްވަރާތައް އެކި ފަހަރު މަތިން މެދުކެނޑިފައިވާތީ، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ތިބީ ދެ ފަރާތުން ރަސްމީކޮށް މިކަން ކަށަވަރުކޮށްދޭނެ ވަގުތެއްގެ އިންތިޒާރުގައެވެ.