ހަލުވިކަމާއި އެކު ދުނިޔޭގައި ފެތުރެމުންދާ ކޮވިޑް-19 ނުވަތަ ކޮރޯނާވައިރަސް ނުވަ ދުވަސް ވަންދެން ހަށިގަނޑުން ބޭރުގައި ދިރިހުންނާނެކަމަށް ހޯދުންތަކުން ދައްކައިފިއެވެ.
ޖާރނަލް އޮފް ހޮސްޕިޓަލް އިންފެކްޝަން އިން ޝާއިއު ކޮށްފައިވާ ކޮވިޑް-19އާއި ގުޅިގެން ކުރިއަށް ގެންދިޔަ 22 ހޯދުންތަކުގެ އިތުރުން ސިވިއަރ އެކިއުޓް ރެސްޕިރޭޓަރީ ސިންޑްރޮމް (ސާސް) ވައިރަސް އަދި މިޑިލް އީސްޓް ރެސްޕިރޭޓަރީ ސިންޑްރޮމް (މެރސް) ވައިރަސް އިން ދައްކުވައިދެނީ ހިއުމަން ކޮވިޑް-19، ނުވަ ދުވަސް ވަންދެން ހަށިގަނޑުން ބޭރުގައި ދިރިހުންނާނެކަމާއި، ނުރައްކާތެރި ވާނެ ކަމަށެވެ.
މި ވައިރަސް ދިރިހުންނާނެ އެއްޗެހި އަދި ދިރިހުންނާނެ މުއްދަތުގެ ވާހަކަ ދައްކަމުން ސީޑީސީ ޑިރެކްޓަރ ޑރ. ރޮބާރޓް ބުނެފައިވަނީ ކޮޕާ އަދި ސްޓީލްގައި ގިނަ އިރުވަންދެން ދިރިނުހުރެދާނެ ކަމަށާއި، ކާރޑްބޯރޑް ނުވަތަ ޕްލާސްޓިކް ފަދަ ތަކެތީގައި މި ވައިރަސް ގިނަ އިރު ވަންދެން ހުރެދާނެ ކަމަށެވެ.
މި ވައިރަސް ދިރާސާކުރާ ތަޖުރިބާކާރުން ބުނެފައިވާ ގޮތުގައި މިހާރު ފެތުރެމުންދާ ކޮވިޑް-19 ނަމަކަށްކިޔާ މި ވައިރަސްގެ އައު ވައްތަރަކީ އާންމުކޮށް ކެއްސާ ކިނބިހި އެޅުމުގެ ސަބަބުން ގައިންގަޔަށް އަރާ ވައިރަސްއެއް ކަމަށެވެ. އަދި މި ވައިރަސް ޖެހިފައިވާ މީހެއްގެ ނަޖިހުގެ ސަބަބުންވެސް މި ވައިރަސް ފެތުރިދާނެ ކަމަށް ބުނެފައިވެއެވެ.
ހަމައެއާއެކު މި ވައިރަސް އާ ގުޅޭގޮތުން ޔޫއެސްގެ ސެންޓަރ ފޯރ ޑިޒީޒް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވަނީ މި ވައިރަސް ހުންނަ ތަނެއްގައި އަތްލެވި އަދި މޫނާ ނޭފަތާ ލޮލުގައި އަތް ލެވިއްޖެނަމަވެސް މި ވައިރަސް ޖެހުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.
މީގެއިތުރުން އެތެރެ ކުރާ މުދަލުގެ ސަބަބުން މި ވައިރަސް ފެތުރިދާނެ ކަމުގެ އެއްވެސް ހެއްކެއް ނެތް ކަމަށާއި، ނަމަވެސް މި ވައިރަސް އަކީ ބަދަލުވަމުންދާ އެއްޗަކަށް ވުމުގެ ސަބަބުން މި އޭޖެންސީއިން އިތުރަށް ބަލާ މައުލޫމާތު ދޭނެކަމަށް ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަންއިން ބުނެފައިވެއެވެ.
އަދި އާންމުކޮށް ބޭނުން ކުރެވޭ ތަންތަނާއި ތަކެތީގައި މި ވައިރަސް ހުރެއްޖެނަމަ، އެ ފެތުރިގެންދާނެ ގޮތާއި މިންވަރު ހޯދަމުންދާ ކަމަށްވެސް ސީޑީސީއިން ބުނެފައިވެއެވެ.
ކޮވިޑް-19 ޖެހިފައިވާ 89847 މީހުން މިހާތަނަށް ފެނިފައިވާއިރު 3069 މީހުންވަނީ އެވައިރަސްގެ ސަބަބުން މަރުވެފައެވެ.
މިވައިރަސް ހަލުވި ކަމާއިއެކު ފެތުރެމުންދާއިރު ތައިލެންޑުން ފުރަތަމަ މީހާ މިވައިރަސްގައިވަނީ މަރުވެފައިއެވެ. އިންޑޮނޭޝިޔާ، ޖޯޑަން، ޕޯޗުގަލް ފަދަ ޤައުމުތަކުން އަލަށްވަނީ މިވައިރަސް ފެނިފައެވެ.
މިހާތަނަށް ދުނިޔޭގެ 71 ޤައުމަކުން މިވައިރަސްވަނީ ފެނިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!