ވޯލްޑް ކަޕް ގްރޫޕް 'ޑީ' ގައި ހިމެނެނީ، އެމެރިކާ، އޮސްޓްރޭލިއާ، ޕެރަގުއޭ އަދި ތުރުކީވިލާތެވެ.

މިދިޔަ އަހަރު ކުޅުނު އެކުވެރިކަމުގެ މެޗުތަކުގައި އެމެރިކާ ވަނީ މި ތިން ޓީމާވެސް ބައްދަލުކޮށްފައެވެ. އެގޮތުން ޖޫން މަހު ތުރުކީ އަތުން 2-1 އިން ބަލިވި ނަމަވެސް، މިދިޔަ އަހަރުގެ ފަހުކޮޅު އޮސްޓްރޭލިއާ އަދި ޕެރަގުއޭ އަތުން ވަނީ 2-1 ގެ ނަތީޖާއަކުން މޮޅުވެފައެވެ.

Ad
rt

ގްރޫޕް ޑީ ގެ މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ ބްރިޓިޝް ކޮލަމްބިއާގެ ވެންކޫވަރ، ސިއެޓްލް، ކެލިފޯނިއާގެ ސަންޓާ ކްލާރާ (ސެން ފްރެންސިސްކޯގެ ދެކުނުން) އަދި ކެލިފޯނިއާގެ އިންގްލްވުޑް (ލޮސް އެންޖެލެސްއާ އިންވެގެން) ގައެވެ.

މި ގްރޫޕަކީ އެއް ޓައިމް ޒޯނެއްގެ ތެރޭގައި މެޗުތައް ކުޅޭ ހަތަރު ގްރޫޕްގެ ތެރެއިން އެއް ގްރޫޕެވެ. މީގެ އިތުރުން ހުޅަނގު އައްސޭރީގައި ކުޅޭ ގްރޫޕް ޖީ އަދި އިރުމަތީ އައްސޭރީގައި ކުޅޭ ގްރޫޕް ސީ އަދި އައި ވެސް ކުޅޭނީ އެއް ޓައިމް ޒޯނެއްގައެވެ.

އެމެރިކާ

1980 ގެ އަހަރުތަކަށްފަހު އެމެރިކާގެ އެންމެ ބަލިކަށި ގޯލްކީޕަރުންގެ ގްރޫޕް މިފަހަރު ފެންނައިރު، ޔޫރަޕްގެ ވަރުގަދަ ލީގެއްގައި ކުޅޭ ހަމައެކަނި ސެންޓްރަލް ޑިފެންޑަރަކީ ކްރިސް ރިޗަޑްސް އެވެ.

ނަމަވެސް، މުބާރާތް ބާއްވާ އެއް ގައުމުގެ ގޮތުގައި ސީޑް ކުރެވިފައި އޮތުމުގެ ފައިދާ އެމެރިކާއަށް ލިބެއެވެ. ދުނިޔޭގެ ރޭންކިންގެ 16 ވަނައިގައި އޮތް އެމެރިކާ ފުރަތަމަ ނުކުންނާނީ 27 ވަނައިގައި އޮތް އޮސްޓްރޭލިއާއާ ދެކޮޅަށެވެ. އޭގެ ފަހުން 40 ވަނައިގައި އޮތް ޕެރަގުއޭ އަދި 22 ވަނައިގައި އޮތް ތުރުކީއާ ބައްދަލުކުރާނެއެވެ.

އެމެރިކާގެ އެންމެ މޮޅު ކުޅުންތެރިޔާ ކްރިސްޓިއަން ޕުލިސިކް އޭޕްރީލް މަހާ ކުރިމަތިލީ ލަނޑު ޖެހުމުގައި ނާކާމިޔާބު ދުވަސްތަކަކާ އެކުގައެވެ. އަދި 2024 ވަނަ އަހަރުގެ ފަހުން އޭނާއަށް ބައިނަލްއަގުވާމީ މެޗެއްގައި ލަނޑެއް ޖެހިފައެއް ނުވެއެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގައި ނެދަލެންޑްސް އަތުން ބަލިވި ޓީމުގައި ހިމެނުނު ތަޖުރިބާކާރު މިޑްފީލްޑަރު ޓައިލާ އެޑަމްސް އަދި ރައިޓް ބެކް ސާޖީނިއޯ ޑެސްޓްއަށް މުބާރާތުގެ ކުރިން ފިޓްނަސްގެ މައްސަލަތަކާ ކުރިމަތިލާން ޖެހުނެވެ.

1930 ވަނަ އަހަރު ބޭއްވި ފުރަތަމަ ވޯލްޑް ކަޕަށްފަހު އެމެރިކާގެ އެއްވެސް ޓީމަކަށް ސެމީ ފައިނަލާ ހަމައަށް ދެވިފައެއް ނުވެއެވެ. އަދި 20 އަހަރުގެ ލެންޑަން ޑޮނޮވަން އާއި ޑަމާކަސް ބީޒްލީގެ ވިދުމާއެކު 2002 ގައި ކުއާޓާ ފައިނަލަށް ދިޔަ ފަހުން، އެމެރިކާއަށް އެ މަރުހަލާއަށް ވާސިލުވެވިފައެއް ނުވެއެވެ.

2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާގެ ގްރޫޕް ސްޓޭޖުން އެމެރިކާ ކެޓުމާ ގުޅިގެން، ކޯޗު ގްރެގް ބާހަލްޓާގެ ބަދަލުގައި މަގާމާ ހަވާލުވީ މައުރީސިއޯ ޕޮޗެޓީނޯ އެވެ.

ތުރުކީ

"ކްރެސެންޓް ސްޓާސް" ވަނީ 2002 ވަނަ އަހަރުގެ ވޯލްޑް ކަޕް އަދި 2008 ވަނަ އަހަރުގެ ޔޫރޯގެ ސެމީ ފައިނަލަށް ދަތުރުކޮށްފައެވެ. ނަމަވެސް ޖެހިޖެހިގެން ފަސް ވޯލްޑް ކަޕް ގެއްލުމަށްފަހު، މިފަހަރުގެ މުބާރާތުން ޖާގަ ހޯދީ ޕްލޭއޮފްގައި ކޮސޯވޯ ބަލިކޮށްގެންނެވެ. މިއީ 1954 ވަނަ އަހަރު ފުރަތަމަ ފަހަރަށް ވޯލްޑް ކަޕްގައި ކުޅުނު ތުރުކީން މި މުބާރާތުގައި ފެންނާނެ ތިންވަނަ ފަހަރެވެ.

ކެޕްޓަން ހަކާން ޗަނަނޮގްލޫ ބައިނަލްއަގުވާމީ 22 ލަނޑު ޖަހާފައިވާއިރު، ކެރެމް އަކްތުރްކޮގްލޫ ވަނީ 15 ލަނޑު ޖަހާފައެވެ. މީގެ ތެރޭގައި ކޮސޯވޯ ކޮޅަށް ޖެހި މޮޅުވި ލަނޑު ހިމެނެއެވެ.

ރޯމާގެ ކުރީގެ ފޯވާޑް ވިންޗެންޒޯ މޮންޓެލާ، ސެޕްޓެމްބަރު 2023 ގައި ސްޓެފަން ކުންޓްޒްގެ ބަދަލުގައި ކޯޗުކަމާ ހަވާލުވެ، 2024 ގެ ޔޫރޯގެ ކުއާޓާ ފައިނަލަށް ޓީމު ގެންގޮސްދިނެވެ.

ވޯލްޑް ކަޕަށް ކޮލިފައިވުމަށް ތުރުކީއަށް ޖެހުނީ ރޫމޭނިއާ އަދި ކޮސޯވޯއާ ދެކޮޅަށް ޕްލޭއޮފް މެޗުތައް ކާމިޔާބުކުރާށެވެ. އެ ޓީމުން 2004 ގެ ފަހުން އޮސްޓްރޭލިއާއާ ބައްދަލުކޮށްފައި ނުވާއިރު، ޕެރަގުއޭއާ ބައްދަލުކުރީ ހަމައެކަނި 1995 ގައެވެ.

ޕެރަގުއޭ

"ލަ އަލްބިރޯހާ" އިން ދެކުނު އެމެރިކާގެ ހަވަނަ އަދި ފަހު އޮޓޮމެޓިކް ޖާގަ ހޯދީ އިކުއެޑޯއާ 0-0 އިން އެއްވަރުކޮށްގެންނެވެ. މިއީ 2010 ވަނަ އަހަރުގެ ފަހުން އެ ޓީމު ފުޓްބޯޅައިގެ އެންމެ ބޮޑު މުބާރާތަށް އެނބުރި އައި ފުރަތަމަ ފަހަރެވެ.

މިއީ ޕެރަގުއޭގެ ނުވަވަނަ ވޯލްޑް ކަޕެވެ. އެ ޓީމުގެ އެންމެ ކާމިޔާބު ނަތީޖާއަކީ 2010 ވަނަ އަހަރުގެ ކުއާޓާ ފައިނަލަށް ދިއުމެވެ. އެފަހަރު އެ ޓީމު ބަލިވީ 83 ވަނަ މިނެޓުގައި ޑޭވިޑް ވިއާ ޖެހި ލަނޑުން ސްޕެއިން އަތުންނެވެ.

އުމުރުން 32 އަހަރުގެ މިގޭލް އަލްމިރޯން އަދި 30 އަހަރުގެ އެންޓޯނިއޯ ސަނާބްރިއާއަކީ އެޓޭކްގައި ތިބި ތަޖުރިބާކާރުންނެވެ. އަދި 22 އަހަރުގެ ހޫލިއޯ އެންސީސޯ އާއި 23 އަހަރުގެ ޑިއޭގޯ ގޯމޭޒް ވަނީ ޓީމަށް ޒުވާން ޖޯޝެއް ގެނެސްދީފައެވެ.2024 ވަނަ އަހަރުގެ ކޮޕާ އެމެރިކާގައި 0-3 އިން ބަލިވި މެޗުތަކަށްފަހު، ޑެނިއަލް ގާނޭރޯގެ ބަދަލުގައި ކޯޗުކަމާ ހަވާލުވީ ގުސްޓާވޯ އަލްފާރޯ އެވެ.

އޮސްޓްރޭލިއާ

ޖެހިޖެހިގެން ހަތަރު ފަހަރު ގްރޫޕް ސްޓޭޖުން ކެޓުމަށްފަހު، 2022 ވަނަ އަހަރުގެ މުބާރާތުގައި ސޮކަރޫސް އިން ވަނީ ޓިއުނީޝިއާ އަދި ޑެންމާކް ބަލިކޮށްފައެވެ. އެއަށްފަހު އެ ޓީމު މުބާރާތުން ކެޓީ ގަދަ 16 ގެ މެޗުގައި 2-1 އިން ބަލިވެ، އެ ފަހަރުގެ ޗެމްޕިއަން އާޖެންޓީނާ އަތުންނެވެ.

ޓީމުގެ ކެޕްޓަން، ގޯލްކީޕަރު މެތިއު ރަޔަން މިހާރު ތައްޔާރުވަމުންދަނީ އޭނާގެ ހަތަރުވަނަ ވޯލްޑް ކަޕަށެވެ.

ކޮލިފައިންގައި ބަހްރޭން އަތުން އަމިއްލަ ދަނޑުގައި ބަލިވެ، އިންޑޮނޭޝިއާއާ އެއްވަރުވި މެޗަށްފަހު، 2024 ސެޕްޓެމްބަރު މަހު ގްރަހަމް އާނޯލްޑްގެ ބަދަލުގައި އޮސްޓްރޭލިއާގެ ކުރީގެ ޑިފެންޑަރު ޓޯނީ ޕޮޕޮވިޗް ވަނީ ކޯޗުކަމާ ހަވާލުވެފައެވެ. ސޮކަރޫސްގެ ކޯޗުކަމުގެ ދެވަނަ ދައުރެއް ފުރިހަމަކުރަމުންދިޔަ އާނޯލްޑް، 2025 މެއި މަހު ހަވާލުވީ އިރާގުގެ ކޯޗުކަމާއެވެ.