މިއަހަރުގެ ހައްޖު މޫސުމުގެ ތަރުވިޔާ ދުވަހު މިނާގެ ހޫނުމިން 45 ޑިގްރީ ސެލްސިއަސްއަށް އަރާފައިވާ ކަމަށް ސައުދީ އަރަބިއްޔާގެ ނޭޝަނަލް ސެންޓަރ ފޯ މީޓިއޮރޮލޮޖީ (އެންސީއެމް) އިން ހާމަކޮށްފިއެވެ.
ހޯމަ ދުވަހު މިނާގެ ވައިގެ ދުވެލި ހުރީ ގަޑިއަކު 26 ކިލޯމީޓަރު ބާރުމިނުގައި ކަމަށާއި، ތެތްކަން ހުރީ 36 އިންސައްތައިގައި ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
އެންސީއެމްއިން ހާމަކުރި ގޮތުގައި، ހައްޖުގެ މާތް ބިންތަކުގެ ތެރެއިން މި ސީޒަނުގައި އެންމެ ހޫނުގަދަ ތަނެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ އަރަފާތުގެ ބިމެވެ. އެގޮތުން މިދިޔަ ހޮނިހިރު ދުވަހު އަރަފާތުގެ ހޫނުމިން ވަނީ 48 ޑިގްރީ ސެލްސިއަސްއަށް އުފުލިފައެވެ. އަދި މިއަދު، އަރަފާތު ދުވަހުގެ އެންމެ ހޫނުގަދަ ވަގުތުތަކުގައިވެސް ހޫނުމިން ގާތްގަނޑަކަށް 45 ޑިގްރީ ސެލްސިއަސްގައި ހުންނާނެ ކަމަށް ލަފާކުރެވޭ ކަމަށް އެ ސެންޓަރުން ބުނެއެވެ.
އެންސީއެމްގެ ތަރުޖަމާނު ޙުސައިން އަލް-ޤަޙްޠާނީ ވިދާޅުވީ، އެންމެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން ހައްޖުގެ މާތް ބިންތަކުގެ މޫސުން 24 ގަޑިއިރު މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ހައްޖާޖީންނަށް ވަނީ ހާއްސަ އިރުޝާދުތަކެއް ދީފައެވެ.
މިގޮތުން، މެންދުރުގެ ހޫނުގަދަ ވަގުތުތަކުގައި ސީދާ އަވީގައި ނޫޅުމަށާއި، ގިނައިން ދިޔާ އެއްޗެހި ބޭނުންކުރުމަށާއި، އަދި އަވިން ސަލާމަތްވުމަށް ކުޑަ ބޭނުންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ. މިއީ ހޫނުގެ ސަބަބުން ވަރުބަލިވުމާއި އެހެނިހެން ނުރައްކާތަކުން ހައްޖާޖީން ރައްކާތެރިކުރުމަށް އަޅާފައިވާ ފިޔަވަޅުތަކެކެވެ.
ދުނިޔޭގެ އެކި ކަންކޮޅުތަކުން ހައްޖުގެ މަތިވެރި އަޅުކަން އަދާކުރުމަށް ސައުދީ އަރަބިއްޔާއަށް ގޮސްފައިވާ 1.5 މިލިއަނަށްވުރެ ގިނަ ހައްޖުވެރިން، ހައްޖުގެ ފުރަތަމަ ދުވަސް ކަމުގައިވާ ތަރްވިޔާ ދުވަހު މިނާގައި އަޅުކަމުގައި މަޑުކުރުމަށްފަހު އަންގާރަ ދުވަހު (ޙައްޖު ދުވަހު) އަރަފާތަށް ދާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!