އީރާނުގެ ރައްޔިތުންނަށް ދުނިޔޭގެ އިންޓަނެޓްގެ ހިދުމަތް އަލުން ދިނުމަށް އެގައުމުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން އަމުރުކުރައްވައިފި ކަމަށް އީރާނުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ. މިއީ 87 ދުވަހުގެ މެދުކެނޑުމަކަށްފަހު އިންޓަނެޓްގެ ހިދުމަތް އިއާދަކުރުމަށް ކުރެއްވި އަމުރެކެވެ.

އީރާން ރައީސް މި އަމުރު ކުރަށްވާފައިވަނީ އެމެރިކާއާއި އީރާނާ ދެމެދު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާތަކެއް ކުރެވެމުންދާ ދަނޑިވަޅެއްގައެވެ. ނަމަވެސް، އިންޓަނެޓް ދޫކޮށްލުމުގެ އަމުރާއި މި މަޝްވަރާތަކާ ގުޅުމެއް އޮތްކަން ސާފެއް ނުވެއެވެ. އަދި އިންޓަނެޓްގެ ހިދުމަތް މުޅިން ހުޅުވާލާނީ ކޮން އިރަކު ކަމެއް ނުވަތަ ކޮން ގޮތަކަށް ކަމެއްވެސް ރިޕޯޓްތަކުގައި ބަޔާންކޮށްފައެއް ނުވެއެވެ.

Ad
rt

އީރާނުގައި އިންޓަނެޓް ބްލޮކްކޮށްފައިވަނީ ފެބްރުއަރީ 28 ވަނަ ދުވަހު އިޒްރޭލާއި އެމެރިކާއިން އީރާނަށް ދިން ހަމަލާތަކާ ގުޅިގެންނެވެ. ސައިބަރ ސެކިއުރިޓީ މޮނިޓަރ ކުރާ ޖަމިއްޔާއެއް ކަމަށްވާ ނެޓްބްލޮކްސްއިން ބުނާ ގޮތުގައި، ވޭތުވެދިޔަ 87 ދުވަހު އީރާނުގައި އިންޓަނެޓް ބޭނުންކުރެވެމުން ދިޔައީ އާންމު ހާލަތުގެ އެންމެ 2 އިންސައްތައިގައެވެ. މިއީ ދުނިޔޭގެ ރެކޯޑެއް ކަމަށްވެސް އެ ޖަމިއްޔާއިން ފާހަގަކުރެއެވެ.

އިންޓަނެޓް ކަނޑާލުމުގެ ސަބަބުން އީރާނުގެ އިގްތިސާދަށާއި ކުދި ވިޔަފާރިތަކަށް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. ތެހްރާންގެ އިންޓީރިއާ ޑިޒައިނަރެއް ކަމަށްވާ މަހްލާ ބުނި ގޮތުގައި، އިންޓަނެޓް ނެތުމުގެ ސަބަބުން މުވައްޒަފުންނަށް މުސާރަ ދިނުމަށްޓަކައި އޭނާގެ ރަނާއި އަގުބޮޑު ތަކެތި ވިއްކަން ޖެހުނެވެ. އަދި އެކައުންޓަންޓެއް ކަމަށްވާ މަހްދީ ބުނީ އިންޓަނެޓް ނެތުމުން ވަޒީފާ ހޯދުމަށްވެސް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.

އީރާނުގެ ސަރުކާރުން މީގެ ކުރިންވެސް ބޮޑެތި މުޒާހަރާތަކާ ގުޅިގެން އިންޓަނެޓް ކަނޑާލާފައިވެއެވެ. މިހާރު އީރާނުގައި ބޭނުންކުރެވެނީ ހަމައެކަނި އެގައުމުގެ އެތެރޭގެ ނެޓްވޯކް (އިންޓްރަނެޓް) އެވެ. މީގެ ސަބަބުން ބޭންކިންގް ހިދުމަތްތައް ލިބުނު ނަމަވެސް، ބައިނަލްއަގުވާމީ މުއާމަލާތްތަކާއި ޒަމާނީ ވަސީލަތްތައް ބޭނުންކުރުމަށް ވަނީ ހުރަސް އެޅިފައެވެ.

ރައީސް ޕެޒެޝްކިއަން އަމުރު ކުރެއްވި ނަމަވެސް، އީރާނުގެ ހަގީގީ ބާރު އޮންނަ ރިވޮލިއުޝަނަރީ ގާޑްސްއިން މިކަމަށް އަމަލުކުރާނެ މިންވަރަކާމެދު ސުވާލު އުފެދެއެވެ. މިހާތަނަށް އަމަލީ ގޮތުން އިންޓަނެޓްގެ ހިދުމަތް އިއާދަވި ކަމުގެ ރިޕޯޓެއް ލިބިފައެއް ނުވެއެވެ.