އީރާނުން އެމެރިކާއަށް އެއްވެސް ވަރަކަށް "އިތުބާރު ނުކުރާ" ކަމަށާއި، ނަމަވެސް އެމެރިކާއަކީ ސީރިއަސް ބައެއް ނަމަ މަޝްވަރާ ކުރުމުގެ ޝައުގުވެރިކަން އެބައޮތް ކަމަށް އީރާނުގެ ފޮރިން މިނިސްޓަރު އައްބާސް އަރަގްޗީ ވިދާޅުވެއްޖެއެވެ.

ބްރިކްސްގެ ފޮރިން މިނިސްޓަރުންގެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަތުމަށް ނިއުދިއްލީއަށް ކުރެއްވި ދަތުރުފުޅުގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން އަރަގްޗީ ވިދާޅުވީ، އީރާނާއެކު ހަނގުރާމައިގައި އުޅޭ ގައުމުތައް ފިޔަވައި އެހެން ހުރިހާ އުޅަނދުފަހަރަކަށް ސްޓްރެއިޓް އޮފް ހޯމޫޒް ހުރަސްކުރެވޭނެ ކަމަށެވެ. ނަމަވެސް އެ ސަރަހައްދުން ދަތުރުކުރަން ބޭނުންވާ އުޅަނދުތަކުން އީރާނުގެ ކަނޑުގެ ސިފައިންނާ ކުރިމަތިލާން ޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ad
rt

ހޯމޫޒް ކަނޑުއޮޅީގެ ހާލަތަކީ ވަރަށް "ނާޒުކު" ހާލަތެއް ކަމަށް އަރަގްޗީ ސިފަކުރެއްވިއެވެ. ދުނިޔޭގެ ތެލާއި ގޭހުގެ ސަޕްލައިގެ ފަސްބައިކުޅަ އެއްބައި ދަތުރުކުރާ މި މުހިންމު މަގު، އީރާނުން ބަންދުކުރީ މިދިޔަ ފެބްރުއަރީ މަހު އެމެރިކާ އަދި އިސްރާއީލާއެކު ހަނގުރާމަ ފެށުމާ ގުޅިގެންނެވެ.

އެމެރިކާއާއި އީރާނުން މިދިޔަ މަހު ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އެއްބަސްވި ނަމަވެސް، ދާއިމީ ސުލްހައިގެ އެއްބަސްވުމަކަށް އައުމަށް ދަނީ ދަތިތަކާ ކުރިމަތިވަމުންނެވެ. ޕާކިސްތާނުން މެދުވެރިއެއްގެ ދައުރު އަދާކޮށްގެން ކުރިއަށްގެންދާ މި މަޝްވަރާތައް މެދުކެނޑުނީ، މިދިޔަ ހަފުތާގައި ދެ ގައުމުން ހުށަހެޅި ހުށަހެޅުންތަކަށް ދެ ފަރާތުންވެސް އިންކާރު ކުރުމާ ގުޅިގެންނެވެ.

އަރަގްޗީ ވިދާޅުވީ އެމެރިކާއިން ލިބެމުންދާ "އިދިކޮޅު މެސެޖުތަކުގެ" ސަބަބުން، މަޝްވަރާ ކުރުމުގައި އެމެރިކާގެ ހަގީގީ ނިޔަތާ މެދު ސުވާލު އުފެދޭ ކަމަށެވެ. ޕާކިސްތާނުގެ މެދުވެރިވުން ނާކާމިޔާބު ނުވާ ކަމަށާއި ނަމަވެސް އެ މަސައްކަތް އޮތީ "ދަތި" ހާލަތެއްގައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. އީރާނުން ބޭނުންވަނީ ޑިޕްލޮމެސީއަށް ފުރުސަތު ދިނުމަށް ހަމަލާ ބަދަލުކުރުން ހުއްޓާލާފައި ބޭއްވުމަށް ކަމަށާއި، ނަމަވެސް އަލުން ހަނގުރާމައަށް ދާންޖެހިއްޖެ ނަމަ އެކަމަށްވެސް ތައްޔާރު ކަމަށް އޭނާ ވިދާޅުވިއެވެ.

މަޝްވަރާތައް ކުރިއަށް ނުގޮސް ހުއްޓިފައިވާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި އީރާނުގެ ނިއުކްލިއާ ޕްރޮގްރާމާއި ހޯމޫޒް ކަނޑުއޮޅީގެ ކޮންޓްރޯލް އީރާނުންގެ ދަށުގައި އޮތުން ބަދަލުކުރަން އެމެރިކާއިން ހަރުކަށި ޝަރުތު ކުރިމަތިކުރުމެވެ.

އަރަގްޗީ މިހެން ވިދާޅުވެފައިވަނީ، އީރާނާމެދު އޮތް ކެތްތެރިކަން ކޮޅުންލަމުންދާ ކަމަށާއި ހޯމޫޒް ކަނޑުއޮޅި ހުޅުވާލަން ޖެހޭނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވިތާ މަދު ގަޑިއިރުތަކެއްގެ ތެރޭގައެވެ.