ށ. އަތޮޅު ކައުންސިލްގެ ހަތަރު ވަނަ ދައުރަކީ އަތޮޅުގެ ރައްޔިތުންގެ އިތުރުން މުޅި ރާއްޖޭގެ ގިނަ ރައްޔިތުން ބަލައިގަތް ފަދަ ކާމިޔާބު ޕްރޮގްރާމްތަކެއް ހިންގުނު ދައުރެއް ކަމަށް އެ ކައުންސިލްގެ ރައީސް މުޙައްމަދު ޝިޔާމް (ޝިޔާންޓޭ) ވިދާޅުވެއްޖެއެވެ.
މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޝިޔާމް ވިދާޅުވީ، މި ހިނގާ ދައުރުގައި މުޅި ރާއްޖެއަށް ހުޅުވާލައިގެން ބޭއްވި އެކި މުބާރާތްތަކުން ރަންވަނަތަކެއް ހާސިލްކޮށްފައިވާ ކަމަށެވެ. އަދި ކައުންސިލްތައް ރޭންކު ކުރާ އެންމެ މަތީ ދަރަޖަ ހޯދައި، ރާއްޖޭގެ އެންމެ މަތީ ފަންތީގެ އަތޮޅު ކައުންސިލްގެ މަގާމު އެތައް ފަހަރަކު ލިބިފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، އަތޮޅު ފެންވަރުގައި މެދުކެނޑިފައި ހުރި ކުޅިވަރު މުބާރާތްތައް އަލުން ފަށައި، ގައުމީ ފެންވަރުގައި ފާހަގަކުރާ ދުވަސްތަކާއި ރައްޔިތުން ބަލައިގަންނަ ފަދަ ކާމިޔާބު އެތައް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދެވިފައިވާ ކަމަށް ޝިޔާމް ވިދާޅުވިއެވެ.
ކައުންސިލްގެ މަސައްކަތްތައް މިހާ ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނީ ކައުންސިލްގެ މެންބަރުންނާއި މުވައްޒަފުންގެ އިތުރުން އަތޮޅުގެ ރައްޔިތުންގެ ފަރާތުން ލިބުނު ބޮޑު އެއްބާރުލުމުގެ ސަބަބުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.
"މިގޮތަށް ކާމިޔާބުކަމާއެކު ކައުންސިލް ހިނގުނީ އަތޮޅު ކައުންސިލްގެ މެމްބަރުންނާއި، މުވައްޒަފުންނާ އަދި އަތޮޅު ރައްޔިތުންގެ ބޮޑު އެއްބާރުލުމާ އެކުގައިކަން މިއަދު އުފަލާއެކު ފާހަގަކުރަމެވެ،" ޝިޔާމް ލިޔުއްވާފައިވެއެވެ.
ޝިޔާމް ވަނީ ކުރިއަށް އޮތް ތަނުގައިވެސް އަތޮޅަށް ކާމިޔާބު ދުވަސްތަކެއް މިންވަރު ކުރެއްވުމަށް އެދި ދުޢާ ކުރައްވާފައެވެ.
މިފަހަރުގެ ލޯކަލް ކައުންސިލް އިންތިޚާބުގައި ޝިޔާމް ވާދައެއް ނުކުރަށްވައެވެ.
ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހާއެކު ދެން އަތޮޅު ކައުންސިލްތަކެއް ނޯންނާނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!