ފުލުހުންގެ ލިޔުމުން ދޭ ހުއްދައެއް ނެތި މާލޭގައި އެއްވުންތައް ބޭއްވޭނީ ހޯމް މިނިސްޓްރީން ކަނޑައަޅާފައިވާ ވަކި ސަރަހައްދުތަކެއްގައި ކަމަށާއި، އެ ނޫން ސަރަހައްދުތަކުގައި ބާއްވާ ގާނޫނާ ހިލާފު އެއްވުންތައް ރޫޅާލައި، އެކަން އިންތިޒާމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އަޅާނެ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން މިކަން ހާމަކުރީ މާލޭގެ ބައެއް މަގުތަކުގައި ކުރިއަށްދާ އެއްވުންތަކާ ގުޅިގެން، އާންމު ދަތުރުފަތުރުގެ ނިޒާމަށާއި، މަގުތަކުން ހިނގާބިނގާވެ އުޅޭ މީހުންނަށާއި، ވިޔަފާރިތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ ކަމުގެ ޝަކުވާ ލިބެމުންދާތީ އެކަމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

Ad
rt

ފުލުހުންގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ގާނޫނުއަސާސީގެ 32 ވަނަ މާއްދާއިން ކަށަވަރުކޮށްދީފައިވާ ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމާއި، "ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނު" ގެ ދަށުން ލިބިދީފައިވާ ހައްގުތައް ގާނޫނީ އިމުގެ ތެރެއިން ހިމާޔަތްކޮށްދިނުމުގައި ފުލުހުން ދެމިއޮންނާނެ ކަމަށެވެ. ނަމަވެސް، މި ހައްގުގެ ބޭނުންހިފުމުގައި އެހެން މީހުންގެ ހައްގުތަކަށް އުނިކަން ނާންނާނެހެން އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

"ސުލްހަވެރިކަމާއެކު އެއްވެއުޅުމުގެ މިނިވަންކަމުގެ ގާނޫނުގެ 24 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން، ފުލުހުން ލިޔުމުން ދޭ ހުއްދައެއް ނެތި، މާލޭގައި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް ބޭއްވޭނީ މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބަރ އެންޑް ޓެކްނޮލޮޖީން ކަނޑައަޅައި އިއުލާންކޮށްފައިވާ ސަރަހައްދުތަކުގައި އެކަނި،" ފުލުހުންގެ ބަޔާނުގައި ބުނެފައިވެއެވެ.

ފުލުހުން އިތުރަށް ބުނީ، ކަނޑައެޅިފައިވާ ސަރަހައްދުތަކުން ބޭރުގައި ބާއްވާ އެއްވުންތަކަށް ފުރުސަތު ނުދެވޭނެ ކަމަށެވެ. އަދި ގާނޫނާ ހިލާފަށް ބާއްވާ އެއްވުންތައް ރޫޅާލުމަށާއި، އާންމު މަސްލަހަތު ހިމާޔަތްކުރުމަށް އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ ޔަގީންކަންވެސް ވަނީ ދީފައެވެ.

އެހެންނަމަވެސް، ގާނޫނާ އެއްގޮތަށް ބާއްވާ ހަރަކާތްތަކަށް ބޭނުންވާ ސަލާމަތާއި ރައްކާތެރިކަން ފޯރުކޮށްދީ، އެފަދަ ސަރަހައްދުތަކުގެ މަގުތައް ބެލެހެއްޓުމާއި ސަލާމަތީ އިންތިޒާމުތައް ހަމަޖައްސައިދޭނެ ކަމަށްވެސް ފުލުހުންގެ ޚިދުމަތުން ވަނީ ބުނެފަވެއެވެ.