ޣައްޒާގައި އިސްރާއީލުން ދެމުންދާ ލާއިންސާނީ ހަމަލާތަކުގައި ސުންނާފަތިވެފައިވާ އިމާރާތްތަކުގެ ގައު ކުނޑި ބޭނުންކޮށްގެން، އަލުން ބޭނުންކުރެވޭނެ ގައު އުފެއްދި ޣައްޒާގެ ދެބެއިންނަށް ބައިނަލްއަގުވާމީ ތިމާވެށީގެ ދާއިރާގެ ޝަރަފުވެރި އެވޯޑެއް ލިބިއްޖެއެވެ.
ޒުވާނުންނަށް އަމާޒުކޮށްގެން ދޭ "އާތު ޕްރައިޒް" ގެ މެދުއިރުމަތީ ސަރަހައްދުގެ ވަނަ ހޯދާފައިވަނީ އުމުރުން 17 އަހަރުގެ ތާލާ މޫސާ އާއި 15 އަހަރުގެ ފަރަހް މޫސާއެވެ.
އިސްރާއީލުގެ ހަމަލާތަކުގައި ގެދޮރު ގެއްލި، މިހާރު ފޭލިގެއެއްގައި ދިރިއުޅެމުންދާ މި ދެބެއިން ބުނި ގޮތުގައި މި މަޝްރޫއުގެ މައިގަނޑު މަގްސަދަކީ "ސުންނާފަތިވެފައިވާ ތަކެތި ބޭނުންތެރި އެއްޗަކަށް ބަދަލުކުރުން" ކަމަށެވެ. ތާލާ ''ބީބީސީ''އަށް މައުލޫމާތު ދެމުން ބުނީ މުޅި ސިޓީ ކުނިބުނީގެ ފުނިވަރަކަށް ބަދަލުވެފައި އޮތުމުން، އެކަމަށް ހައްލެއް ހޯދުމަށް މަޖުބޫރުވީ ކަމަށެވެ.
މި ކުދިން އުފެއްދި ގައު ތައްޔާރުކުރަނީ އިމާރާތްތަކުގެ ކުނިބުނި މުގުރައި، ފުރޭނުމަށްފަހު މަށީގެ ބާވަތްތަކާއި، އަޅި އަދި ބިއްލޫރި ކުނޑި އެއްކޮށްގެންނެވެ. މި ގަލަކީ ބަރުދަން ލުއި އަދި އަގުހެޔޮކޮށް އުފެއްދޭ އެއްޗަކަށްވާއިރު، މިއީ މައިގަނޑު ގޮތެއްގައި ދުވާރު ހެދުމަށާއި، ފާރުބުރިތައް ރޭނުމަށް ބޭނުންކުރެވޭނެ އެއްޗެކެވެ. މި ގައުތައް އެންމެ ފުރަތަމަ ޓެސްޓުކޮށްފައިވަނީ މޫސުން ގޯސްވި ދުވަސްވަރެއްގައި އަވަށްޓެރިއެއްގެ ފޭލިގެ ހިފެހެއްޓުމަށް ބޭނުންކޮށްގެންނެވެ.
ޣައްޒާގެ ދެބެން އުފެއްދި ގައު، ފޮޓޯ: ބީބީސީ
އެވޯޑުގެ ގޮތުގައި މި ދެބެންނަށް ލިބުނު 12,500 އެމެރިކާ ޑޮލަރު ބޭނުންކުރުމަށް ނިންމާފައި ވަނީ އިތުރު ޒުވާނުންނަށް މި މަސައްކަތް ދަސްކޮށްދިނުމަށެވެ. ފަރަހް ބުނި ގޮތުގައި އަމާޒަކީ 100 އެއްހާ ޒުވާނުން ތަމްރީނުކޮށް، ޣައްޒާ އަލުން އާބާދުކުރުމުގެ މަސައްކަތުގައި ބޭރުގެ އެހީއަށް އެކަނި ބަރޯސާނުވެ، އަމިއްލައަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދިނުމެވެ.
"އަހަރެމެން މި ބަދަލުކުރީ ނެގެޓިވް ކަމެއް ޕޮޒިޓިވް ކަމަކަށް. ކުނިބުންޏަކީ ހަމައެކަނި ހަލާކާއި ގެއްލުމުގެ ރަމްޒެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ އާ ފެށުމެއްގެ ގޮތުގައި އަހަރެމެން ދެކެން ބޭނުންވީ،" ތާލާ ބުންޏެވެ.
މި ދެބެއިންނަކީ އާތު ޕްރައިޒްގެ ރީޖަނަލް ފައިނަލިސްޓުންގެ ތެރޭގައި ހިމެނޭ ކުދިންނެވެ. ކުރިއަށް އޮތް ތަނުގައި އާންމުންގެ މެދުގައި ނެގޭ ވޯޓަކުން މުޅި މުބާރާތުގެ ވަނަ ހޮވުމަށް ވަނީ ހަމަޖެހިފައެވެ.
އދ. ގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި 2023 ވަނަ އަހަރު ހަނގުރާމަ ފެށުނު ފަހުން ޣައްޒާގެ އާބާދީގެ 90 އިންސައްތަ މީހުން ވަނީ ގެދޮރު ދޫކޮށް ދާންޖެހިފައެވެ. އަދި 2025 ގެ ކުރީކޮޅާ ހަމައަށް ޣައްޒާއަށް ލިބިފައިވާ ގެއްލުން 70 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މަގުތަކުގައި މިލިއަނުން ކުނިބުނި ވަނީ ޖަމާވެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!