ގާނޫނާއި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެކޮށް، ވިއްކަމުންދިޔަ ގިނަ އަދަދެއްގެ ސިނގިރޭޓާއި ދުންފަތް ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައި އަތުލައިގެންފިއެވެ.
މި ތަކެތި ހޯދާފައިވަނީ އެކި ބްރޭންޑްތަކުގެ ސިނގިރޭޓް ރާއްޖެއަށް އެތެރެކޮށް ވިއްކާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެންނެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ރޭ ހިންގި މި އޮޕަރޭޝަންގައި މާލެއާއި ހުޅުމާލޭގެ ބައެއް ތަންތަން ވަނީ ބަލައިފާސްކޮށްފައެވެ. އެގޮތުން މާލޭ ގަލޮޅު ގެއަކާއި، ހުޅުމާލެ ފޭސް 2 ގެ އަމާން ދޯދި އެޕާޓްމަންޓެއްގެ އިތުރުން ވޭންއެއް ބަލައިފާސްކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި ފާސްކުރުންތަކުގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 18 ކޭސް ދުންފަތާއި 75 ކާޓޫނު ސިނގިރޭޓެވެ. މީގެ އިތުރުން މި ތަކެތި އުފުލުމަށް ބޭނުންކުރި ވޭން ވެސް ފުލުހުން ވަނީ ޓޯކޮށްފައެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެއެވެ.
މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!