އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ސިއްރު ދަތުރެއްކޮށް އެ ގައުމުގެ ރައީސްއާ ބައްދަލުކޮށްފައިވާކަމަށް އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ބުނެފިއެވެ.

ބުދަ ދުވަހު ބޮޑުވަޒީރުގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އީރާނާއެކު ހަނގުރާމަ ހިނގަމުންދިޔަ ދަނޑިވަޅެއްގައި ނަތަންޔާހޫ ޔޫއޭއީއަށް ގޮސް އެ ގައުމުގެ ރައީސް ޝައިޚް މުޙައްމަދު ބިން ޒައިދު އާލް ނަހްޔާންއާ ބައްދަލުކޮށްފައިވާ ކަމަށެވެ. މިއީ މި ދެ މީހުން ބައްދަލުކުރިކަން ރަސްމީ އިދާރާއަކުން ކަށަވަރުކޮށްދިން ފުރަތަމަ ފަހަރެވެ.

Ad
rt

މި ބައްދަލުވުމާ ގުޅޭ މަޢުލޫމާތު އެނގޭ މަސްދަރަކުން ހާމަކޮށްފައިވާ ގޮތުގައި، މި ބައްދަލުވުން އޮތީ މިދިޔަ މާރިޗު މަހުގެ 26 ވަނަ ދުވަހު އޮމާން ބޯޑަރު ކައިރީގައި އޮންނަ އަލް-ޢައިން ސިޓީގައެވެ. އަދި މި ބައްދަލުވުން އެތައް ގަޑިއިރަކަށް ދެމިގެންދިޔަ ކަމަށްވެސް އެ މަސްދަރުން ބުނެފައިވެއެވެ.

އިޒްރޭލުގެ ބޮޑުވަޒީރުގެ އޮފީހުން ސިފަކޮށްފައިވާ ގޮތުގައި، މި ބައްދަލުވުމުގެ ސަބަބުން އިޒްރޭލާއި ޔޫއޭއީގެ ގުޅުމަށް "ތާރީޚީ ކުރިއެރުމެއް" ވަނީ ލިބިފައެވެ.

ޔޫއޭއީއަކީ އިޒްރޭލާއެކު ސިޔާސީ ގުޅުން ބާއްވާ މަދު އަރަބި ގައުމުތަކުގެ ތެރެއިން ގައުމެކެވެ. މި ދެ ގައުމުގެ ދެމެދުގައި ރަސްމީކޮށް ގުޅުން ގާއިމުކުރެވުނީ 2020 ވަނަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މެދުވެރިކަމުގައި ސޮއިކުރެވުނު "އަބްރަހަމް އެކޯޑްސް" އެއްބަސްވުމުގެ ދަށުންނެވެ.