އީރާނާ ދެކޮޅަށް ކުރި ހަނގުރާމައިގައި ވައިގެ މަގުން ދޭ ހަމަލާތަކަށް ތައްޔާރުވެ ރޭވުމަށްޓަކައި، އިސްރާއީލުން އިރާގުގެ ސަހަރާ ސަރަހައްދެއްގައި ސިއްރު އަސްކަރީ މަރުކަޒެއް ގާއިމުކޮށްފައިވާ ކަމަށް "ވޯލް ސްޓްރީޓް ޖާނަލް" އިން ރިޕޯޓްކޮށްފިއެވެ.

މި މައުލޫމާތު އެނގޭ ފަރާތްތަކާ ހަވާލާދީ އެ ނޫހުން ހޮނިހިރު ދުވަހު ބުނެފައިވާ ގޮތުގައި، މި މަރުކަޒަކީ ހަނގުރާމަ ފެށުމުގެ ކުޑަދުވަސްކޮޅެއް ކުރިން އެމެރިކާއަށްވެސް އެނގިގެން ބިނާކުރި ތަނެކެވެ. މި ތަނަކީ އިސްރާއީލުގެ ޚާއްޞަ ސިފައިންނާއި ވައިގެ ސިފައިންނަށް ބޭނުންވާ ލޮޖިސްޓިކް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭނުންކުރި މުހިންމު މަރުކަޒެކެވެ.

Ad
rt

ރިޕޯޓުގައިވާ ގޮތުން، ވައިގެ ހަމަލާތަކުގައި ވައްޓާލާ ބޯޓުތަކުގެ ޕައިލެޓުން ސަލާމަތްކުރުމަށް ޚާއްޞަ "ސާޗް އެންޑް ރެސްކިއު" ޓީމުތަކެއްވެސް އެ މަރުކަޒުގައި ގާއިމުވެ ތިއްބެވެ. ނަމަވެސް، އެފަދަ އެއްވެސް އޮޕަރޭޝަނެއް ހިންގަން ޖެހިފައިނުވާކަމަށް އެ ރިޕޯޓްގައި ބުނެފަވެއެވެ.

އީރާނުގެ އިސްފަހާން ކައިރިއަށް އެމެރިކާގެ އެފް-15 މަރުކާގެ ހަނގުރާމަމަތީ ބޯޓެއް ވެއްޓުނު ހާދިސާގައި، އިސްރާއީލުން އެހީތެރިކަން ހުށަހެޅި ކަމަށްވެސް ރިޕޯޓުގައިވެއެވެ. އެމެރިކާ ސިފައިން އަމިއްލައަށް އެ ބޯޓުގެ ދެ ފަޅުވެރިން ސަލާމަތްކުރި ނަމަވެސް، އެ އޮޕަރޭޝަނަށް މަގުފަހިކޮށްދީ ރައްކާތެރިކަން ކަށަވަރުކުރުމަށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފައިވެއެވެ.

މި ސިއްރު މަރުކަޒުގެ މައުލޫމާތު ބޭޒާރުވާން ދިމާވީ މިދިޔަ މާރިޗު މަހުގެ ކުރީކޮޅުގައެވެ. އެ ސަރަހައްދުން ކޮޕްޓަރުތަކެއް ދަތުރުކުރާ މަންޒަރާއި، ޝައްކުކުރެވޭ އަސްކަރީ ހަރަކާތްތަކެއް ހިނގާކަން ކޮޅުވެރިއަކަށް (shepherd) ފެނިގެން އިރާގުގެ ދައުލަތުގެ މީޑިއާއަށް ރިޕޯޓްކުރިއެވެ. މިއާއެކު އިރާގު ސިފައިން އެ ސަރަހައްދު ތަހުގީގުކުރަން ފެށުމުން، އިސްރާއީލުން ވަނީ އިރާގު ސިފައިންނަށް އަމާޒުކޮށް ވައިގެ ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އިރާގު ސިފައިންނަށް އެ މަރުކަޒާ ހަމައަށް ދެވޭގޮތް ވަނީ ނުވެފައެވެ.
އިރާގު ސަރުކާރުން އެ ފަހަރު ވަނީ އެ ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އެ ހަމަލާގައި އިރާގުގެ ސިފައިންގެ މީހަކު މަރުވިއިރު، އިރާގުގެ ޖޮއިންޓް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ކޮމާންޑަރު ގައިސް އަލް-މުޙައްމަދާވީ ވިދާޅުވީ، މިއީ އެއްވެސް ކޯޑިނޭޝަނެއް ނުވަތަ ހުއްދައެއް ނެތި ހިންގި ނުރައްކާތެރި އަމަލެއް ކަމަށެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން މި ރިޕޯޓާ ގުޅޭގޮތުން އެއްވެސް އެއްޗެއް ބުނަން އިންކާރުކޮށްފައިވެއެވެ.

މި ސަރަހައްދުގެ މަސްލަހަތު ގޯސްވެފައިވަނީ މިދިޔަ ފެބުރުއަރީ 28 ގައި އެމެރިކާއާއި އިސްރާއީލުން އީރާނަށް ދޭން ފެށި ހަމަލާތަކާ ގުޅިގެންނެވެ. މީގެ ރައްދުގައި އީރާނުންވެސް

ވަނީ އިސްރާއީލަށާއި ގަލްފުގައި ތިބި އެމެރިކާގެ ބައިވެރިންނަށް ހަމަލާދީ، ހޯރްމުޒް ކަނޑުއޮޅި ބަންދުކޮށްފައެވެ.
ޕާކިސްތާނުގެ މެދުވެރިކަމާއެކު އޭޕްރިލް 8 ގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއް ގާއިމުކުރެވުނު ނަމަވެސް، އިސްލާމްއާބާދުގައި ކުރެވުނު މަޝްވަރާތަކުން ދާއިމީ ހައްލެއް ފެނިފައެއް ނުވެއެވެ. އެހެންނަމަވެސް، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވަކި މުއްދަތެއް ނެތް ގޮތަށް ހަނގުރާމަ ހުއްޓާލުމުގެ މުއްދަތު އިތުރުކޮށްފައިވާކަން އިއުލާނުކުރައްވާފައެވެ.