ހުކުރު ދުވަހު ކުޅުނު ސައުދީ ކިންގްސް ކަޕްގެ ފޯރިގަދަ ފައިނަލް މެޗުގައި އަލް ޚުލޫދު 2-1 އިން ބަލިކޮށް، މުބާރާތުގެ ތަށި އަލް ހިލާލުން އުފުލާލައިފިއެވެ.
މިއީ އެ ޓީމުގެ ކޯޗު ސިމޯން އިންޒާގީ އެ ކުލަބާ ހަވާލުވި ފަހުން ހޯދި ފުރަތަމަ ކާމިޔާބީއެވެ.
މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި އަލް ޚުލޫދުން ވަނީ ލަނޑެއް ޖަހައި ސިއްސުވާލާފައެވެ. އާޖެންޓީނާގެ ފޯވާޑް ރާމީރޯ އެންރީކޭ މި ލަނޑު ކާމިޔާބުކުރީ އަލް ހިލާލްގެ ގޯލްކީޕަރު ޔާސީން ބޫނޫ ކައިރިން ނައްޓާލުމަށްފަހު ވަރަށް ކައިރިން ފޮނުވާލި ހަމަލާއަކުންނެވެ.
މި ލަނޑާއެކު އަލް ހިލާލުން އެ ޓީމުގެ ކުޅުން ވަރުގަދަކޮށް، ލަނޑެއް ޖެހުމަށް ގިނަ މަސައްކަތްތަކެއް ކުރިއެވެ. އެގޮތުން މެޗުގެ 10 ވަނަ މިނެޓުގައި ސާލެމް އަލް ދައުސަރީ ފޮނުވާލި ނުރައްކާތެރި ހުރަސް، ކަރީމް ބެންޒެމާއަށް ލިބުމުގެ ކުރިން އަލް ޚުލޫދުގެ ޑިފެންޑަރުން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ. އަދި 13 ވަނަ މިނެޓުގައި ތިއޯ ހެނާންޑޭޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި މުހައްމަދު ކޭނޯ ބޮލުން ފޮނުވާލި ބޯޅަ ގޯލާ ސީދާވާގޮތެއް ނުވިއެވެ.
މެޗުގެ 15 ވަނަ މިނެޓުގައި ބެންޒެމާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާއެއް އަލް ޚުލޫދުގެ ކީޕަރު ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށް، އެ ޓީމުގެ ލީޑު ހިފަހައްޓާފައެވެ. ނަމަވެސް ފުރަތަމަ ހާފު ނިމެން ކައިރިވެފައި ވަނިކޮށް، 42 ވަނަ މިނެޓުގައި ނާސިރު އަލް ދައުސަރީ ވަނީ ބާރު ހަމަލާއަކުން ލަނޑެއް ޖަހައި އަލް ހިލާލަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
އަލް ހިލާލުން މެޗުގެ ނަތީޖާ އަނބުރާލީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ތެރޭގައެވެ. ތިއޯ ހެނާންޑޭޒް އޭރިއާ ބޭރުން ފޮނުވާލި ބާރު ބޯޅައެއް ގޯލުގެ ތެރެއަށް ވަދެ، އެ ޓީމަށް މެޗުގެ ލީޑު ލިބުނެވެ.
މި ކާމިޔާބީއާއެކު އަލް ހިލާލުން ވަނީ އެ ޓީމުގެ ތާރީޚުގައި 10 ވަނަ ފަހަރަށް ކިންގްސް ކަޕްގެ ތަށި އުފުލާލައި، ބޮޑެތި މެޗުތަކުގައި އެ ޓީމުގެ އޮތް ބާރުގަދަކަން ސާބިތުކޮށްދީފައެވެ. މެޗުން ބަލިވި ނަމަވެސް، އަލް ޚުލޫދުން ވަނީ މުޅި މެޗުގައި ވަރުގަދަ ކުޅުމެއް ދައްކާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!