އެމެރިކާއިން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްގެން ދެމުންދާ ހަމަލާތަކާއި ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް، އިގްތިސާދީ ގޮތުން ބޮޑު ހީނަރުކަމެއް އައުމުގެ ކުރިން މަދުވެގެން ތިނެއް ނުވަތަ ހަތަރު މަސް ދުވަހު މެނޭޖްކުރުމުގެ ގާބިލުކަން އީރާނުގައި އެބަހުރިކަމަށް އެމެރިކާގެ ސީ.އައި.އޭ އިން ތައްޔާރުކޮށް މި ހަފްތާގައި އެމެރިކާގެ ސަރުކާރުގެ އިސްވެރިންނަށް ހުށަހެޅި ސިއްރު ރިޕޯޓެއްގައި ބުނެފިއެވެ.
''ވޮޝިންޓަން ޕޯސްޓް'' މި ޚަބަރު ރިޕޯޓްކުރަމުން ބުނެފައި ވަނީ މި ހޯދުމަކީ ރައީސް ޑޮނަލްޑް ޓްރަމްޕް ހަނގުރާމަ ނިމުމަކަށް އައުމާ މެދު ގެންގުޅުއްވާ ވިސްނުމާ މެދު ސުވާލު އުފެދޭ ކަމެއްކަަމަށެވެ.
އެމެރިކާގެ އިންޓެލިޖެންސް މުޖުތަމައުގެ މި ދިރާސާއިން ދައްކާ ގޮތުގައި، އެމެރިކާ އާއި އިސްރާއީލުން ހަފްތާތަކެއް ވަންދެން ވަރުގަދަ ހަމަލާތަކެއް ދީފައިވީ ނަމަވެސް، އީރާނުގެ ބެލިސްޓިކް މިސައިލް ގާބިލްކަން އަދިވެސް ވަރަށް ވަރުގަދައެވެ. އެމެރިކާގެ އޮފިޝަލަކު ހާމަކުރި ގޮތުގައި، އީރާނުގެ މޮބައިލް ލޯންޗަރުތަކުގެ 75 އިންސައްތަ އަދި މިސައިލް ރަސްމާލުގެ 70 އިންސައްތަ އަދިވެސް އެބަހުއްޓެވެ.
މީގެ އިތުރުން، އީރާނުން ވަނީ ބިމުގެ އަޑީގައި ހުރި ގިނަ ރައްކާކުރާ ތަންތަން އަލުން ހުޅުވައި، ގެއްލުން ލިބުނު ބައެއް މިސައިލްތައް މަރާމާތުކޮށްފައެވެ. ނަމަވެސް، ޓްރަމްޕް އޯވަލް އޮފީހުގައި ވާހަކަދައްކަވަމުން ވިދާޅުވީ އީރާނުގެ މިސައިލްތަކުގެ ބޮޑުބައި ނެތިގޮސްފައިވާ ކަމަށާއި، މިހާރު ހުރީ ކުރިން ހުރި މިންވަރުގެ އެންމެ 18 ނުވަތަ 19 އިންސައްތަ ކަމަށެވެ.
އެމެރިކާގެ އިންޓެލިޖެންސްގެ އިސް އޮފިޝަލަކު ވިދާޅުވީ، ޓްރަމްޕްގެ ބްލޮކޭޑްގެ ސަބަބުން އީރާނުގެ އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށާއި، އެގައުމުގެ ކަނޑުގެ ސިފައިންގެ ބާރު ކެނޑި، ލީޑަރުން ތިއްބެވީ ފިއްލަވައިގެން ކަމަށެވެ.
"ރައީސްގެ ބްލޮކޭޑުން ދަނީ ހަގީގީ ގެއްލުންތަކެއް ދެމުން، ވިޔަފާރި މެދުކަނޑާލައި، އާމްދަނީ ދަށްކޮށް، އިގްތިސާދު އިނދަޖެހުމަށް މަގުފަހިވަމުންދަނީ،" އޮފިޝަލް ވިދާޅުވިއެވެ.
ރައީސް ޓްރަމްޕާއި ޑިފެންސް ސެކްރެޓަރީ ޕީޓް ހެގްސެތު ވަނީ މި ހަނގުރާމައަކީ އެމެރިކާގެ އަސްކަރީ ކާމިޔާބީއެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ޓްރަމްޕް ވިދާޅުވި ގޮތުގައި އެމެރިކާގެ ކަނޑުގެ ސިފައިން ވަނީ "ދަގަނޑު ފާރެއް" ފަދައިން ހޮރްމޫޒް ކަނޑުއޮޅި ބަންދުކޮށްފައެވެ. އަދި އީރާނުގެ ފައިސާގެ އަގު ވެއްޓި، ސިފައިންނަށް މުސާރަ ނުދެވޭ ހާލަތަށް ގައުމު ގޮސްފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އީރާނުގެ އެންމެ އިސް ލީޑަރާއި ގިނަ އަދަދެއްގެ އިސް އޮފިޝަލުން މިސައިލް ހަމަލާތަކުގައި އަވަހާރަވެ، އަސްކަރީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވީ ނަމަވެސް، އެ ގައުމުން އަދިވެސް ދަނީ ދޫނުދީ ހިފަހައްޓަމުންނެވެ. މިއީ އެމެރިކާގެ އުންމީދުތަކާ ހިލާފަށް އީރާނުގެ ގާބިލްކަން ހުރި މިންވަރު ހާމަވާ ކަމެއް ކަމަށް ރިޕޯޓްތައް ބުނެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!