އީރާނުން ބަންދުކޮށްފައިވާ ހޮރްމޫޒް ކަނޑުއޮޅި އަލުން ހުޅުވުމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނުކުރެއްވި "ޕްރޮޖެކްޓް ފްރީޑަމް" ކުއްލި ގޮތަކަށް މެދުކަނޑާލީ ސައޫދީ އަރަބިއްޔާގެ ބޮޑު ނުރުހުމެއް ކުރިމަތިވެގެންކަމަށް ރިޕޯޓްތައް ބުނެފިއެވެ.
މި މަސައްކަތް ހުއްޓާލަން ޖެހުނީ ސައޫދީ ހިމެނޭހެން ގަލްފުގެ ބައެއް ގައުމުތަކާ ދުރާލާ މަޝްވަރާ ނުކޮށް މިކަން އިޢުލާނު ކުރުމާ ގުޅިގެން ކުރިމަތިވި ފިއްތުންތަކުގެ ސަބަބުން ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާދީއްތަ ދުވަހުގެ މެންދުރުފަހު ސޯޝަލް މީޑިއާ މެދުވެރިކޮށް ޓްރަމްޕް މި މަޝްރޫޢު އިޢުލާނު ކުރެއްވުމުން ސައުދީ އަރަބިއްޔާގެ ލީޑަޝިޕުން ވަނީ ނުރުހުން ފާޅުކޮށްފައެވެ. އޮފިޝަލުން ވިދާޅުވާ ގޮތުގައި، މިކަމުގެ ރައްދުގައި ސައުދީން ވަނީ އެމެރިކާގެ އަސްކަރީ މަތިންދާބޯޓުތައް ޕްރިންސް ސުލްތާން އެއާބޭސްއިން އުދުއްސުމާއި، ސައުދީގެ ވައިގެ ސަރަހައްދު ބޭނުންކުރުން މަނާކުރާނެ ކަމުގެ އިންޒާރު ދީފައެވެ.
މި މައްސަލަ ހައްލުކުރުމަށް ރައީސް ޓްރަމްޕާއި ސައުދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން ފޯނުން ގުޅުއްވައި ކުރެއްވި މަޝްވަރާތަކުން ނަތީޖާއެއް ނުނިކުތުމުން، އެމެރިކާގެ އަސްކަރިއްޔާއަށް މުހިންމު ވައިގެ ސަރަހައްދުތައް އަލުން ހޯދުމަށްޓަކައި ޕްރޮޖެކްޓް ފްރީޑަމް މެދުކަނޑާލަން ޓްރަމްޕަށް މަޖުބޫރުވިއެވެ. ގަތަރާއި އޮމާން ފަދަ އެހެން ގައުމުތަކަށް ވެސް މިކަން އެނގުނީ މަސައްކަތް ފެށި ފަހުން ކަމަށް މަޢުލޫމާތު ލިބެއެވެ.
ސައުދީގެ މަސްދަރަކާއި ހަވާލާދީ ''އެންބީސީ'' ނިއުސްގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ސައުދީން ތާއީދުކުރަނީ އީރާނާއި އެމެރިކާއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ޕާކިސްތާނުން ކުރަމުންދާ ޑިޕްލޮމެޓިކް މަސައްކަތްތަކަށެވެ. ނަމަވެސް ވައިޓް ހައުސްއިން ބުނެފައިވަނީ ސަރަހައްދީ ބައިވެރިންނަށް ދުރާލާ މިކަން އަންގާފައިވާނެ ކަމަށެވެ.
މި އޮޕަރޭޝަން ހުއްޓާލިއިރު، އެމެރިކާގެ ދެ އުޅަނދެއް ވަނީ ޕްރޮޖެކްޓް ފްރީޑަމްގެ ދަށުން ކަނޑުއޮޅި ހުރަސްކޮށްފައެވެ. ޓްރަމްޕް ވިދާޅުވީ މި މަސައްކަތް "ކުރު މުއްދަތަކަށް މެދުކަނޑާލީ" ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގައި ސޮއިކުރެވޭތޯ ބެލުމަށް ކަމަށެވެ.
އެމެރިކާގެ އަސްކަރިއްޔާއިން ސައުދީ އަރަބިއްޔާގެ ވައިގެ ބޭސްތަކުގައި ފައިޓާ ޖެޓްތަކާއި ރިފިއުލިންގ ޓޭންކަރުތައް ބަލަހައްޓަމުން ގެންދެއެވެ. ނަމަވެސް ޖިއޮގްރަފީ ގޮތުން ބަލާއިރު، މި ސަރަހައްދުގައި އަސްކަރީ ހަރަކާތްތައް ހިންގުމަށް ސަރަހައްދީ ބައިވެރިންގެ ފުރިހަމަ އެއްބާރުލުން ބޭނުންވާނެ ކަމަށް ތަޖުރިބާކާރުން ފާހަގަކުރެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!