92،000 ރުފިޔާގެ ފޭކް ސްލިޕެއް ޝީޝާ އަށް ފޮނުވައިގެން ސައިކަލެއް ގަތް ކަމަށް ބުނާ މައްސަލައެއްގައި ހައްޔަރުކޮށްފައިވާ ބިދޭސީ މީހާ، ތަހުގީގުގެ ބޭނުމަށް އިތުރު 15 ދުވަހަށް ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އިއްޔެ އަމުރުކޮށްފިއެވެ.
ފުލުހުން ބުނި ގޮތުގައި މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ އުމުރުން 24 އަހަރުގެ ސޮލައިމާން އާމިރުއެވެ. އޭނާ ހައްޔަރުކުރީ މިދިޔަ މަހުގެ 28 ވަނަ ދުވަހު، 92،000 ރުފިޔާގެ ސައްހަ ނޫން ސްލިޕެއް ފޮނުވައިގެން ހުޅުމާލޭގައި ހުންނަ ސީޝާގެ ސާވިސް ސެންޓަރުން ހޮންޑާ އޭޑީވީ 160 މަރުކާގެ ސައިކަލެއް ގަތް ކަމަށް ބުނާ މައްސަލައިގެ ތުހުމަތުގައެވެ.
ސޮލައިމާން ހައްޔަރުކޮށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ފުރަތަމަ ވެސް އަމުރުކުރީ 15 ދުވަހަށް ބަންދުކުރުމަށެވެ. އެ މުއްދަތު ހަމަވުމުން ބަންދާ މެދު އަލުން ގޮތެއް ނިންމުމަށް އިއްޔެ ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އޭނާގެ ބަންދަށް އިތުރު 15 ދުވަސް އިތުރުކޮށްދީފައެވެ.
ކޯޓު އަމުރުގައިވާ ގޮތުން، އޭނާގެ ބަންދު އިތުރުކުރީ ފުލުހުން ހުށަހެޅި މާއްދީ ހެކިތަކަށް ރިއާޔަތްކުރުމަށްފަހުއެވެ. އޭގެ ތެރޭގައި ސޮލައިމާން ސީޝާގެ ސާވިސް ސެންޓަރަށް ގޮސް ސައިކަލާ ހަވާލުވާ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖްގެ އެނަލިސިސް ފޮޓޯ ރިޕޯޓާއި، އޭނާ ފޮނުވި ފޭކް ސްލިޕްގެ ސްކްރީންޝޮޓްގެ އިތުރުން މައްސަލަ ހުށަހެޅި ފަރާތުގެ ސިޓީ ހިމެނެއެވެ.
ކްރިމިނަލް ކޯޓުން ނިންމާފައިވަނީ އޭނާ ބަންދުން ދޫކޮށްލައިފި ނަމަ ފިލުމުގެ އިހުތިމާލު އޮތް ކަމަށެވެ. އެއީ އޭނާއަކީ ބިދޭސީއަކަށް ވެފައި، ބަންދުން ދޫކޮށްލައިފި ނަމަ އެނބުރި ގައުމަށް ގޮސް ފިލުމުގެ ފުރުސަތު އޮތުމުން ކަމަށް ކޯޓު އަމުރުގައި ފާހަގަކޮށްފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!