މެދުއިރުމައްޗާއި ގަލްފު ސަރަހައްދުގައި އިސްރާއީލާއި އެމެރިކާ އިސްވެ އީރާނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރަށް އަންނަ ބަދަލުތަކާ ގުޅިގެން، ރާއްޖޭގައި ކަރަންޓުގެ ޓެރިފް ބޮޑުކުރުމުގެ އެއްވެސް ވިސްނުމެއް ސަރުކާރުން މިވަގުތު ނުގެންގުޅުއްވާ ކަމަށް ތިމާވެއްޓާބެހޭ ވަޒީރު ޠާރިޤު އިބްރާހީމް އިއްޔެ ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، މެދުއިރުމަތީގެ ހަލަބޮލިކަމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެކުލަވާލެއްވި ވަޒީރުންގެ ޚާއްޞަ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޠާރިޤު ވިދާޅުވީ، ބައިނަލްއަޤުވާމީ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެންވެސް ރާއްޖޭގެ ފަތުރުވެރިކަމަށް އޮތް ޑިމާންޑް ދަށްވެފައި ނުވާ ކަމަށެވެ. މިދިޔަ އަހަރުގެ މާރިޗު މަހާ އަޅައިބަލާއިރު ފަތުރުވެރިން އައި މިންވަރު ކުޑަކޮށް ދަށްވި ނަމަވެސް، ރާއްޖެއަށް ދަތުރުކުރާ އެއަރލައިންތަކުގެ ސީޓް އޮކިއުޕަންސީ އިތުރުވަމުންދާކަމީ އިޤުތިޞާދަށް އޮތް ހެޔޮ ފާލެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
ޚަރަދުކުޑަކުރުމަށް މާލީ ވުޒާރާއިން އަޅުއްވަމުންދާ ފިޔަވަޅުތަކަށް އަލިއަޅުއްވާލައްވަމުން މި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮމިޓީގެ ޗެއަރ އަދި ޚާރިޖީ ވަޒީރު، ޑޮކްޓަރ ޢަބްދުﷲ ޚަލީލު ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ދިވެހި އެއްވެސް ރައްޔިތަކަށް އިތުރު ބުރައެއް ނުޖެހޭނެ ގޮތަކަށް މި ފިޔަވަޅުތައް ތަންފީޛުކުރެއްވުން ކަމަށެވެ. އަދި ހަނގުރާމައިގެ ސަރަހައްދުތަކަށް ދަތުރުކުރާ އެއްވެސް އުޅަނދަކަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބޭނުންކުރުމުގެ ހުއްދަ މިހާތަނަށް ދީފައި ނުވާނެ ކަމަށާއި، ކުރިއަށް އޮތް ތަނުގައިވެސް އެފަދަ ހުއްދައެއް ނުދޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.
މި ނޫސްވެރިންގެ ބައްދަލުވުމުގައި އިޤުތިޞާދީ ތަރައްޤީ އާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ރައްޔިތުންނަށް ބޭނުންވާ އަސާސީ 164 ބާވަތެއްގެ މުދާ ކޮންމެ ދުވަހަކު ސަރުކާރުން މޮނިޓަރ ކުރަމުންދާ ކަމަށެވެ. އަދި މިހާތަނަށް އެއްވެސް މުދަލެއް ހުސްވިޔަ ނުދީ ހިފެހެއްޓިފައިވަނީ ހުރިހާ އިމްޕޯޓަރުންނާ ގުޅިގެން ކުރެވޭ މަސައްކަތުން ކަމަށް ސަޢީދު ވިދާޅުވިއެވެ.
މީގެ އިތުރުން، ވިލާ ގޭހުން ކައްކާ ގޭހުގެ އަގުބޮޑުކުރަން ނިންމި ނިންމުމާ ގުޅިގެން، އެ ކުންފުންޏާއި އެސް.ޓީ.އޯ އާއެކު ފަންނީ މަޝްވަރާތައް ކުރަމުންދާ ކަމަށާއި، މިކަމަށް ގެންނަވާ ޙައްލެއް ވަރަށް އަވަހަށް އިޢުލާންކުރައްވާނެ ކަމަށްވެސް ވަޒީރު ސަޢީދު ހާމަކުރެއްވިއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!