ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބުގެ އިތުރުން، ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމާ މެދު ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު ނެގުން ފެށިގެން ކުރިއަށް އެބަދެއެވެ.
މި ވޯޓުލުން ފެށީ މިއަދު ހެނދުނު 8:00 ގައެވެ. މި އިންތިހާބުގެ ވޯޓުލުން މިއަދު ހަވީރު 4:00 އާ ހަމައަށް ކުރިއަށްދާނެއެވެ.
އީސީން ބުނީ، ހެނދުނު 9:19 އާއި ހަމައަށް މި އިންތިޚާބުތަކަށް ބެހެއްޓި ޖުމްލަ 588 ފޮށީގެ ތެރެއިން 585 ފޮށީގެ ވޯޓުލުން ފެށިފައިވާ ކަމަށެވެ.
މި އިންތިހާބުގައި ޖުމުލަ 2,961 ކެންޑިޑޭޓުން ވާދަކުރާއިރު، އެންމެ ގިނަ ކެންޑިޑޭޓުން ނެރެފައިވަނީ 1,322 ކެންޑިޑޭޓުންނާއެކު ޕީއެންސީންނެވެ.
އަމިއްލަ ގޮތުން 645 ކެންޑިޑޭޓުން ވާދަކުރާއިރު، އިދިކޮޅު އެމްޑީޕީން 905 ކެންޑިޑޭޓުން ވާދަކުރެއެވެ.
މި ވޯޓުތަކުގައި ވޯޓު ފޮށިތައް ވަކިކުރުމަށްޓަކައި ތަފާތު ކުލަތަކުގެ ލޭބަލް ބޭނުންކުރެއެވެ. ފެންނަ ނުފެންނަ ވޯޓަށް ހުދު، ލޯކަލް އިންތިހާބަށް ނޫ، އަދި އަންހެނުންގެ ކޮމިޓީއަށް ފެހި ކުލައެވެ.
ވޯޓުލާ މީހުންނަށް ތިން އިންތިހާބުގެ ތެރެއިން އެ މީހަކު ބޭނުންވާ އިންތިހާބެއްގައި ބައިވެރިވުމުގެ އިހުތިޔާރު އޮންނާނެ ކަމަށް އީސީން ވަނީ ބުނެފައެވެ.
މި އިންތިޚާބުތަކުގައި ވޯޓު ދިނުމުގެ ޙައްޤު ޖުމްލަ 299,876 މީހުންނަށް ލިބިފައިވެއެވެ. ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބުގައި 225 ދާއިރާއަކަށް ޖުމްލަ 1,356 މެންބަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!