ރިޔާސީ އިންތިޚާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު އެއްކޮށް ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމަށް ބަދަލު އައިސް، އިންތިޚާބުތަކުގެ މިނިވަންކަން އިތުރުވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ރޭ ބޭއްވި ކޮންގްރެސް ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

Ad
rt

ރައީސް ވިދާޅުވީ ދެ އިންތިޚާބު އެއް ދުވަހެއްގައި ބޭއްވުމުގެ ވޯޓުގައި އެކަމަށް "ފެންނަ" ކަމަށް ވޯޓު ދޭންޖެހެނީ އެކަމުން ރައްޔިތުންނާއި ޤައުމަށް ބޮޑެތި ފައިދާތަކެއް އޮތުމުން ކަމަށެވެ. މިހާރު އިންތިޚާބުތައް ބާއްވަމުންދާ ގޮތުން ޤައުމާއި ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމަށާއި، އެއީ ހުރިހާ ރައްޔިތުންވެސް ޤަބޫލުކުރާ ޙަޤީޤަތެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މި ނިންމުމަކީ ސިޔާސީ ނިންމުމެއް ނޫންކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، މިއީ މިނިވަން އިންސާފުވެރި އިންތިޚާބަކަށް މަގުފަހިކުރުމަށްޓަކައި ނިންމި ނިންމުމެއް ކަމަށެވެ.

"ދެ އިންތިޚާބު އެއްކޮށް ބޭއްވުމުން ސުޕަ މެޖޯރިޓީގެ ނިޒާމަށް ބަދަލު އައިސް، އިންތިޚާބުތަކުގެ މިނިވަންކަން އިތުރުވާނެ،" ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، މި ބަދަލުގެ ސަބަބުން ދައުލަތުގެ ޚަރަދުތައް ބޮޑުތަނުން ކުޑަވެގެންދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި ނިންމުމަކީ ސިޔާސީ މަންފާއަށްވުރެ ބޮޑަށް ޤައުމީ މަސްލަހަތާއި ރައްޔިތުންގެ ލާބައާއި މަންފާއަށް އިސްކަންދީގެން ނިންމާފައިވާ ނިންމުމެއްކަން އެމަނިކުފާނު ތަކުރާރު ކުރެއްވިއެވެ.

ރައީސްގެ ވާހަކަފުޅުގައި ކޮރަޕްޝަން ނައްތާލުމަށާއި ރާއްޖޭގެ ޑިމޮކްރެސީ އިތުރަށް ހަރުދަނާކުރުމަށްޓަކައި، މި ބަދަލަށް ތާއީދުކޮށް ވޯޓު ދެއްވުމަށް ހުރިހާ ރައްޔިތުންގެ ކިބައިން އިލްތިމާސް ކުރައްވަމުންނެވެ.