އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ ދެ އަހަރުގެ ފިރިހެން ކުއްޖަކު، ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން މަޢުލޫމާތުދިން ގޮތުގައި، މި ހާދިސާގެ ރިޕޯޓް ފުލުހުންނަށް ލިބިފައިވަނީ 20 މާރިޗު 2026 ވަނަ ދުވަހުގެ ރޭ ދަންވަރު 12:54 އެހައިކަންހާއިރުއެވެ.
އޭޑީކޭ ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ، ކުއްޖާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް އޮތީ ނިޔާވެފައި ކަމަށެވެ.
މި ހާދިސާއާއި ގުޅިގެން ފުލުހުން ބެލިބެލުމުން ލިބުނު މަޢުލޫމާތަށް ބަލާއިރު، މި ހާދިސާ ހިނގަން މެދުވެރިވީ ކާފު އަތޮޅުގެ ރިސޯޓެއްގެ ޕޫލަށް އެ ކުއްޖާ ވެއްޓި ގެނބުމުގެ ސަބަބުންކަމަށް ފުލުހުން ވަނީ ބުނެފައެވެ.
މި ހާދިސާ ހިނގި ވަގުތާއި، ކުއްޖާ ޕޫލަށް ވެއްޓުނު ގޮތުގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމަކޮށްފައެއް ނުވެއެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންކަމަށް އެ އިދާރާއިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!