އައްޑޫ ސިޓީއަށް ވައިގެ މަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ރައްޔިތަކު ގަން އިންޓަނޭޝަނަލް އެއާޕޯޓުން ހައްޔަރުކޮށްފިއެވެ.

މި މީހާ އަތުން ގާތްގަނޑަކަށް ދެ ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް މައުލޫމާތު ފުލުހުން ބުނެއެވެ.

Ad
rt

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އުމުރުން 58 އަހަރުގެ އިންޑިއާ ރައްޔިތެއް ކަމަށްވާ ސަލްދިން ވަލިމޮހްމަދް ރުއްފިން އެވެ.

އޭނާ ހައްޔަރުކޮށްފައިވަނީ މި ހިނގާ މާރިޗު މަހުގެ 17 ވަނަ ދުވަހުއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، މި މީހާ ހައްޔަރުކޮށްފައިވަނީ ގަން އިންޓަނޭޝަނަލް އެއާޕޯޓުން އޭނާ ދަތުރުކުރި ފޮށިތަކުގެ ތެރެއިން ޝައްކު ކުރެވޭ އެއްޗެއް ފެނިގެން ކަސްޓަމްސްއިން އޭނާ ހިފެހެއްޓުމަށްފަހު ފުލުހުންނާ ހަވާލުކުރުމުންނެވެ. އޭނާ ހައްޔަރުކުރުމުގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

މި މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި ދެ ކިލޯ ހުރިއިރު، މި ތަކެތީގެ ބާވަތް ދެނެގަތުމާއި އިތުރު ތަފްސީލު ހޯދުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުންނެވެ.

ފުލުހުން ބުނީ މި މައްސަލަ މިހާރު ތަހުގީގު ކުރަމުންދާ ކަމަށެވެ.