މާލޭގެ މާފަންނު ފުލޫނިޔާމަގުގައި ހުރި ގުދަނެއްގައި މިރޭ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއާ ގުޅިގެން، އިންތިޚާބާ ގުޅޭ އެއްވެސް ލިޔެކިއުމަކަށް ނުވަތަ ތަކެއްޗަށް ގެއްލުމެއް ލިބިފައިނުވާކަމުގެ ޔަގީންކަން އިލެކްޝަންސް ކޮމިޝަން (އީސީ) އިން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މީސްމީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ، އަލިފާނުގެ ހާދިސާ ހިނގާފައިވަނީ އިންތިޚާބާބެހޭ މަރުކަޒާ ޖެހިގެން ހުރި ގުދަނެއްގައި ކަމަށެވެ. ނަމަވެސް މި ހާދިސާގައި އިންތިޚާބާ ގުޅުންހުރި އެއްވެސް ލިޔެކިއުމަކަށް ގެއްލުމެއް ލިބިފައި ނުވާކަމަށް އެ ކޮމިޝަނުން ކަށަވަރުކޮށްދެއެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، މިހާރު އިންތިޚާބާބެހޭ މަރުކަޒުގައި ހުރި ތަކެތި ހުސްކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް އީސީން ބުނެފައިވެއެވެ.

Ad
rt

އާންމުންގެ ސަލާމަތަށް ފުލުހުންގެ އިލްތިމާސް

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، އަލިފާން ރޯވި ގުދަނަކީ ގަސްކާނާ އާއި އެ ނޫންވެސް ނުރައްކާތެރި ކެމިކަލް މާއްދާތައް ހުރި ތަނަކަށް ވުމާއެކު، އާންމުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރާ ކަމަށެވެ. އެގޮތުން، އަލިފާން ފެތުރުމުގެ ފުރުސަތު އޮތުމާއި، ދުމުގެ އަސަރުގެ އިތުރުން ނުރައްކާތެރި ކެމިކަލް މާއްދާތަކެއް ހުރުމުން ކުރިމަތިވެދާނެ ނުރައްކަލަކުން ސަލާމަތްވުމަށް އެ ސަރަހައްދަށް އެއްނުވުމަށް ފުލުހުން ވަނީ އެދިފައެވެ.

މީގެ އިތުރުން، އެ ސަރަހައްދުގައި ދިރިއުޅޭ ފަރާތްތަކާއި ވިޔަފާރިތަކުން ދޮރުތައް ލައްޕައިގެން ތިބުމަށާއި، ބޭރަށް ނުކުމެ އުޅުން މަދުކުރުމަށް ފުލުހުން ވަނީ އިރުޝާދު ދީފައެވެ. އަދި ދުމުގެ އަސަރުކުރާނަމަ މާސްކު އެޅުމަށާއި، ނޭފަތާއި އަނގަ ނިވާކުރުމަށްވެސް ވަނީ އަންގާފައެވެ.

މި ހާދިސާއާ ގުޅިގެން އެ ސަރަހައްދުގެ ދަތުރުފަތުރަށް ބަދަލުތަކެއް އައިސްފައިވާއިރު، ދަތުރުކުރާ ފަރާތްތަކުން އެހެން މަގުތައް ބޭނުންކުރުމަށާއި، އެ ސަރަހައްދުގައި ހަރަކާތްތެރިވާ ފުލުހުންގެ އިރުޝާދުތަކަށް ފުރިހަމައަށް ބޯލެނބުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.