އީރާނުގެ ތެހެރާންގައި ހުރި ޝުހަދާ މައިދާނުގެ ކަރަންޓް އުފައްދާ މަރުކަޒުތަކަށް އިޒްރޭލުން ދިން ހަމަލާތަކުގެ ބަދަލުހިފުމުގެ ގޮތުން، އިޒްރޭލުގެ ހަކަތައިގެ ނިޒާމުގެ މައިބަދަ ކަމުގައި ބެލެވޭ ފަސް ޕަވަރ ޕްލާންޓަކަށް ހަމަލާދޭން އީރާނުން އަމާޒުކޮށްފިއެވެ.

އީރާނުގެ ''ތަސްނީމް ނިއުސް އެޖެންސީން'' މިއަދު ޝާއިޢުކުރި ރިޕޯޓެއްގައިވާ ގޮތުން، އީރާނުން އަމާޒުކުރާ މި ފަސް މަރުކަޒަކީ އިޒްރޭލަށް ބޭނުންވާ ކަރަންޓުގެ 50 އިންސައްތައަށްވުރެ ގިނަ މިންވަރު އުފައްދާ މަރުކަޒުތަކެވެ. މި ހަމަލާތަކަކީ އީރާނުގެ އިގްތިސާދީ މަރުކަޒުތަކަށް އިޒްރޭލުން ދެމުންދާ ހަމަލާތަކަށް ދެވޭ ވަރުގަދަ ރައްދުތަކެއް ކަމަށް އެ ގައުމުން ބުނެއެވެ.

Ad
rt

އީރާނުގެ އަމާޒުފާނުގައި ހުރި ފަސް ޕަވަރ ޕްލާންޓް:

އޮރޮޓް ރާބިން (ހަދޭރާ): މިއީ 2,590 މެގަވޮޓްގެ ކެޕޭސިޓީއާއެކު އިޒްރޭލުގައި ހުރި އެންމެ ބޮޑު ކަރަންޓު އުފައްދާ މަރުކަޒެވެ. ގައުމީ ކަރަންޓު ވިއުގައިގެ މައި ހަބުގެ ގޮތުގައި ބެލެވޭ މި ތަނަކީ ކުރިން ބޯޓުދެލި ބޭނުންކުރި ނަމަވެސް މިހާރު ގުދުރަތީ ގޭހަށް ބަދަލުކުރަމުންދާ ތަނެކެވެ.

ރޫޓެންބާގް (އަޝްކެލޮން): 2,250 މެގަވޮޓްގެ ކެޕޭސިޓީ ހުރި އިޒްރޭލުގެ ދެވަނައަށް އެންމެ ބޮޑު މި ޕްލާންޓަށް ދުރު ރާސްތާގެ ބެލިސްޓިކް މިސައިލް ނުވަތަ ޑްރޯން ހަމަލާ ދީފާނެ ކަމުގެ އިންޒާރު އީރާނުން ވަނީ ދީފައެވެ.

ހަގިތް (ޔޮކްނީމް): އުތުރު އިޒްރޭލުގެ ހައިފާ ސަރަހައްދަށް ކަރަންޓު ފޯރުކޮށްދޭ މައި މަސްދަރަކީ 1,371 މެގަވޮޓްގެ މި މަރުކަޒެވެ.

އެޝްކޯލް (އަޝްދޫދު): އަޝްދޫދުގެ ސިނާޢީ ސަރަހައްދުގައި ހުރި 912 މެގަވޮޓްގެ މި މަރުކަޒަކީ ތަފާތު އެކި ބާވަތުގެ ފިއުލް ބޭނުންކުރެވޭ، އިޒްރޭލުގެ އެންމެ ދުވަސްވީ އެއް މަރުކަޒެވެ.

ހަރުވީތް / ތްޒަފިޓް (ކިރްޔަތު މަލާކީ): މިއީ އަމިއްލަ ކުންފުންޏަކުން ހިންގާ 900 މެގަވޮޓްގެ ވަރަށް އެފިޝަންޓް މަރުކަޒެކެވެ.

މި އިންޒާރުތައް އައިސްފައިވަނީ އީރާނުގެ އެންމެ މަތީ ލީޑަރު އަލީ ޚާމަނާއީ އާއި ސަލާމަތީ ކަންކަމާ ބެހޭ އިސްވެރިޔާ އަލީ ލާރިޖާނީ އަވަހާރަކޮށްލުމާ ގުޅިގެން މަސްރަހު އިންތިހާއަށް ގޯސްވެފައިވާ ދަނޑިވަޅެއްގައެވެ. އީރާނުގެ އަސްކަރީ އިސްވެރިން ވަނީ އެގައުމުގެ އިގްތިސާދީ މަރުކަޒުތަކަށް އިތުރު ހަމަލާއެއް ދީފިނަމަ، މުޅި ސަރަހައްދުގެ ހަކަތައިގެ ނިޒާމަށް ނުރައްކާވާނެ ފަދަ ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ބުނެފައެވެ.

މި ހާލަތުގެ ސަބަބުން އިޒްރޭލަށް ކުރިމަތިވެދާނެ ކަރަންޓު ކެނޑުމުގެ މައްސަލަތަކާއި، އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމަށް މިފަދަ ހަމަލާތަކެއް ހުއްޓުވުމުގެ ގާބިލުކަން ހުރިތޯ މިހާރު ވަނީ ބޮޑެތި ސުވާލުތަކެއް އުފެދިފައެވެ.