އާންމު ތަނެއްގައި ތިބި ކުޑަކުދިންތަކެއް ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަނަށް ގެންދިޔައީ ރައްކާތެރިކަން ކަށަވަރުކުރުމަށް ކަމަށް ފުލުހުންގެ ޚިދުމަތުން ރޭ ބުނެފިއެވެ.
ފުލުހުން މިކަން ހާމަކުރީ އާންމު ތަނެއްގައި ތިބި ކުޑަކުދިންތަކަކާމެދު ފުލުހުން އަމަލުކޮށްފައިވާ ގޮތާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ކަންބޮޑުވުންތަކެއް ފެންމަތިވެފައި ވަނިކޮށް، އެކަމާ ގުޅޭ މައުލޫމާތު ދެމުންނެވެ.
އެމައުލޫމާތު ދެމުން ރޭ މެންދަމު މީސް މީޑިއާގައި ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ، އާންމު ތަނެއްގައި ކުޑަކުދިންތަކެއް އުޅޭ ކަމުގެ މައުލޫމާތު ރޭ 21:15 ހާއިރު ފުލުހުންނަށް ލިބުމާ ގުޅިގެން އެ ސަރަހައްދަށް ފުލުހުން ގޮސްފައިވާ ކަމަށެވެ. އަދި އެ ކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓަށް އެކުދިން ގެންދެވުނު ކަމަށް ފުލުހުން ބުންޏެވެ.
މިއީ އެ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން އެޅި ފިޔަވަޅެއް ކަމަށާއި، އެ ކުދިން މިހާރު ވަނީ އެކުދިންގެ ބެލެނިވެރިންނާ ރޭގެ ވަގުތެއްގައި ހަވާލުކުރެވިފައި ކަމަށްވެސް ފުލުހުން ބުނެފަވެއެވެ.
މިއާއިއެކު، ކުޑަކުދިންގެ ރައްކާތެރިކަމާ ގުޅޭގޮތުން ހުށަހެޅޭ ކަންބޮޑުވުންތަކުގައި، އެކަށީގެންވާ ހަރުދަނާ ފިޔަވަޅު އެޅުމަކީ ދިވެހި ފުލުހުންގެ ހިދުމަތުން އަބަދުވެސް އެންމެ އިސްކަންދޭނެ އެއް ކަންތައް ކަމުގައި އެ މުއައްސަސާއިން ވަނީ ފާހަގަކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!