މާލޭގެ ލޯކަލް މާރުކޭޓު މިހާރު ހިންގަމުންދާ ބިމުގައި ޒަމާނީ ފެންވަރުގެ މާކެޓް ކޮމްޕްލެކްސްއެއް ތަރައްޤީކުރުމުގެ މަސައްކަތް ޓްރަސްޓެންގް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ މިއަދު ހަވާލުކޮށްފިއެވެ.

މި މަޝްރޫޢުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޕަރމަނަންޓް ސެކްރެޓަރީ މުޙައްމަދު ޝާމިލް އެވެ. ޓްރަސްޓެންގ މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މުޙައްމަދު ޢަބްދުލް ހާދީ އެވެ.

Ad
rt

މާލޭ މަސްމާރުކޭޓު ކުރިމަތިން މިހާރު ހިންގަމުން އަންނަ ލޯކަލް މާރުކޭޓު ހުރި ބިމުގައި ތަރައްޤީކުރާ މި ކޮމްޕްލެކްސްއަކީ 6 ފަންގިފިލާގެ އިމާރާތެކެވެ. މި އިމާރާތުގެ ބޭސްމަންޓް ޕާކިންގްއަށް ޚާއްޞަކޮށްފައިވާއިރު، ގްރައުންޑް ފްލޯގައި މަސް މާރުކޭޓު، އަދި ފުރަތަމަ، ދެވަނަ އަދި ތިންވަނަ ފަންގިފިލާގައި ތަރުކާރީއާއި މޭވާ ވިއްކާ މާރުކޭޓު ގާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ހަތަރުވަނަ ފަންގިފިލާ ޚާއްޞަކޮށްފައިވަނީ ފުޑް ކޯޓަށެވެ.

މި މަޝްރޫޢަކީ ޖުމްލަ 126,359,594.94 (ސަތޭކަ ސައްބީސް މިލިއަން، ތިން ލައްކަ ފަންސާސް ނުވަ ހާސް، ފައްސަތޭކަ ނުވަދިހަ ހަތަރު ރުފިޔާ، ނުވަދިހަ ހަތަރު ލާރި) ގެ މަޝްރޫޢެކެވެ.

މި މަސައްކަތް ޓްރަސްޓެންގް މޯލްޑިވްސްއާ ހަވާލުކޮށްފައިވަނީ 1 އަހަރާއި 8 މަސް ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ.

ސަރުކާރުގެ އަމާޒަކީ މި ޕްރޮޖެކްޓް ނިމުމުން، މާލޭ ބާޒާރުމަތީގެ އެކި ސަރަޙައްދުތަކުގައި މިހާރު ހިންގަމުންދާ ހުރިހާ މާރުކޭޓުތަކެއް މި އައު އިމާރާތަށް ބަދަލުކޮށް، ޚިދުމަތްތައް އެއްފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމެވެ.