ރަމަޟާން ކޭޝް ސަޕޯޓްގެ ގޮތުގައި 50,000 ރުފިޔާ ލިބޭ ފުރުސަތެއް ކަމަށް ބުނެ، ނިޝާން މުލީގޭ ޝަރަފްގެ ޢިއްޒަތް (ނ.މ.ޝ.ޢ)ގެ ވެރިޔާ އަދި ނިޝާން ޢިއްޒުއްދީނުގެ ޢިއްޒަތުގެ ވެރިކަން (ނ.ޢ.ޢ.ވ.)، ޤާސިމް އިބްރާހީމްގެ ނަމުގައި ސޯޝަލް މީޑިއާގައި ސްކޭމް މެސެޖުތަކެއް ދައުރުވަމުންދާތީ އެކަމަށް ސަމާލުވުމަށް އެމަނިކުފާނު އެދިވަޑައިގެންފިއެވެ.
މިކަމާ ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލި ދާއިރާގެ މެންބަރު ޤާސިމް މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނުގެ އޭއައި ފޮޓޯއެއް ބޭނުންކޮށްގެން ވަޓްސްއެޕް ގްރޫޕްތަކާއި އެހެނިހެން މަންސަތަކުގައި ފަތުރަމުންދަނީ އެއްވެސް ހަގީގަތެއް ނެތް މެސެޖުތަކެއް ކަމަށެވެ.
މި މެސެޖުތަކުގައި ބުނަނީ ހުރިހާ ބަލިކަށި ހައުސްހޯލްޑްތަކަށް 50,000 ރުފިޔާގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށެވެ.
"މިފަދަ ސްކޭމަރުންގެ ސަބަބުން އެތަށްބައެއްގެ ވަގުތުބޭކާރުވެ، އެތަށްބަޔަކަށް ދެރަ ނިކަމެތި ގޮތްދިމާވަމުންދެއެވެ. އެހެންކަމުން މިފުރުޞަތުގައި ރައްޔިތުންގެ ސަމާލު ކަމަށްޓަކައި މި މަޢުލޫމާތު ހިއްސާކޮށްލަމެވެ،" ގާސިމް ވިދާޅުވިއެވެ.
ދައުރުވަމުންދާ ސްކޭމް މެސެޖުގައި ބުނެފައިވަނީ، ލިންކަށް ޒިޔާރަތްކޮށް ސުވާލުތަކަށް ޖަވާބު ދިނުމުން ފައިސާ ލިބޭނެ ކަމަށެވެ. އަދި މިއީ ކުރިން މި ފުރުސަތު ގެއްލިފައިވާ ފަރާތްތަކަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ވެސް ސިފަކޮށްފައިވެއެވެ. ނަމަވެސް މިއީ ރައްޔިތުން އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ނުވަތަ މައުލޫމާތު ހޯދުމަށް ހިންގާ އަމަލެއްކަން ގާސިމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.
އަޅުގަނޑުގެ ނަމުގައި ރަމަޟާން ކޭޝް ސަޕޯޓް ގޮތުގައި ފަންސާސް ހާސް ރުފިޔާ ( ހުރިހާ ބަލިކަށި ހައުސްހޯލްޑްސް އަށް ) ލިބޭ ފުރުޞަތެއްކަމަށް ބުނެ ވަޓްސްއެޕް ގުރޫޕްތަކުގައި އަދި ސޯޝަލްމީޑިއާގެ ބައެއް މަންސަތަކުގައި އަޅުގަނޑުގެ އޭއައި ފޮޓޯ އަކާއި ސުވާލު ލިންކަކާއި އެކު ފަތުރަމުންދަނީ…
— Qasim Ibrahim (@qasimibrahim) March 15, 2026
ގާސިމް އިބްރާހީމް ވަނީ މިފަދަ ނޭންގާނީ އަމަލުތަކުން ދިވެހި މުޖުތަމައު ސަލާމަތްކޮށްދެއްވުން އެދި ދުއާކުރައްވައި، މިފަދަ ލިންކުތަކަށް ނުވަނުމަށް ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!