ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ (އެމްއެންޔޫ)އިން ބ. އޭދަފުށީގައި އަޅާ ކެމްޕަހުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.
މަތީ ތައުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްގީ ކުރުމާ ބެހޭ ވުޒާރާއިން ބުނީ އޭދަފުށީގައި އަޅާ ކެމްޕަހުގެ އަމަލީ މަސައްކަތް ފައްޓަވައި ދެއްވީ މަތީ ތައުލީމާ ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދު ކަމަށެވެ.
އެމްޓީސީސީއާ ހަވާލުކޮށްގެން ސަރުކާރުން ކުރިއަށްގެންދާ މި މަޝްރޫއަކީ 720 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް 80.9 މިލިއަން ރުފިޔާއަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.
މި ކެމްޕަސް އިމާރާތް ކުރުމަށް އޭދަފުށިން 6،000 އަކަފޫޓުގެ ބިމެއް ދޫކޮށްފައި ވާއިރު ކެމްޕަސް ތަރައްގީ ކުރަނީ މުވައްޒަފުން ތިބޭނެ އެކޮމޮޑޭޝަން ބްލޮކަކާއި ދެ ފަންގިފިލާގެ އެޑްމިނިސްޓްރޭޓިވް ބްލޮކެއް، ދެ ފަންގިފިލާގެ ކްލާސްރޫމް ބްލޮކެއް، އެކަޑަމިކް ފެސިލިޓީޒް ބްލޮކެއް ހިމެނޭ ގޮތަށެވެ.
އެމްއެންޔޫގެ ކެމްޕަސްތަކެއް މިހާރުވެސް ގިނަ އަތޮޅުތަކެއްގައި ގާއިމުކުރެވިފައި ވާއިރު އިތުރު އަތޮޅު ތަކުގައި ކެމްޕަސް ގާއިމް ކުރުމުގެ މަސައްކަތް ކުރިއަށް އެބަ ގެންދެ އެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!