މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން، ރާއްޖެއިން ޢުމްރާއަށްދާ ފަރާތްތަކާއި މިހާރު މައްކާގައި ތިބި ދިވެހި ޢުމްރާވެރިން ދަތުރުފަތުރުގެ ކަންކަމުގައި އިތުރަށް ސަމާލުވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިއަދު އިލްތިމާސްކޮށްފިއެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ، ސަޢުދީ ޢަރަބިއްޔާގައި ތިބި ދިވެހި ޢުމްރާވެރިންގެ ހާލަތު އެ ވުޒާރާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި ޢުމްރާވެރިންނަށް ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުމަށްޓަކައި ޚާއްޞަ ހޮޓްލައިން ނަންބަރެއް ވުޒާރާގައި ޤާއިމުކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް އެ ބަޔާނުގައިވެއެވެ.
އެ ވުޒާރާއިން ވަނީ ކަމެއް މެދުވެރިވެއްޖެ ހާލަތެއްގައި، ސަޢުދީ ޢަރަބިއްޔާގެ ރިޔާޟުގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ހޮޓްލައިން ނަންބަރު 966506894477+ އަށް ނުވަތަ ޖިއްދާގައި ހުންނަ ދިވެހި ކޮންސިއުލޭޓުގެ ހޮޓްލައިން ނަންބަރު 966530838329+ އަށް ވީ އެންމެ އަވަހަކަށް ގުޅައި އެކަން އެންގެވުމަށް އެދިފައެވެ.
މީގެ އިތުރުން، ޢުމްރާ ދަތުރުތަކާ ގުޅޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދުމަށާއި، ކަމާގުޅުންހުރި ރަސްމީ އިދާރާތަކުންނާއި ސަޢުދީ ޢަރަބިއްޔާގެ ސަރުކާރުން ނެރުއްވާ އިރުޝާދުތަކަށް ފުރިހަމައަށް ސަމާލުކަން ދެއްވުމަށްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!