ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކުގެ އިތުރުން ސުނާމީ ބިނާ ސަރަހައްދުގެ މަސައްކަތް އީދު ދުވަހަށް ނިންމުމަށް މަސައްކަތް ކުރަމުންދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ކޮންގްރެސް ޕާޓީގެ ދިވެހިންގެރާއްޖެ ތަރާވީހުގައި ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ރައީސް ވަނީ އެމަނިކުފާނު ހައުސިން މިނިސްޓަރުކަމާއި މާލޭގެ މޭޔަރުކަމުގައި ހުންނަވައިގެން ތަރައްގީކުރެއްވި ޕާކުތައް ވީރާނާވެފައިވާތީ އަލުން އެތަންތަން ތަރައްގީކުރަން ފެށީ މީގެ ދެ އަރަހެއްހާ ދުވަހުގެ ކުރިން ކަމަށެވެ.

Ad
rt

"މިއީ ކައުންސިލުން ކުރަންޖެހޭ ކަންކަން. މިއީ ނުކޮށް ހުރި ކަންކަން. ސަލްޓަން ޕާކު އޮތީ ވީރާނާވެފައި، ޖުމްހޫރީ މައިދާން އޮތީ ހަލާކުވެފައި. ރަސްފަންނު ހަލާކުވެފައި، ސުނާމީ ބިނާ، މިއީ ކުރިން ރީތިކޮށް ހަދާފައި ހުރި ތަންތަން. ނަމަވެސް ކައުންސިލުން ޒިންމާ އަދާ ނުކުރުމުގެ ސަބަބުން މާލޭ ރައްޔިތުންނަށް، ދިރިއުޅޭ ރައްޔިތުންނަށް އިހާނެތިކަން ލިބުނީ. ސަރުކާރުން ވަނީ މިކަން ކުރަން ފަށާފައި މިހާރު. " ރައީސް ވިދާޅުވި އެވެ.

މަރާމާތަށް ފަހު ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކު އަދި ސުނާމީ ބިނާ މައިޒާން ޢީދަށް ހުޅުވަން މަސައްކަތް ކުރަމުން އަންނަކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

މަރާމާތުގެ މަސައްކަތްތަކަށް ސަލްޓަން ޕާކާއި ޖުމްހޫރީ މައިދާން ބަންދުކޮށްގެން މަސައްކަތް ފެށީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ.

ޖުމްހޫރީ މައިދާނުގެ މަސައްކަތްތައް ގާތްގަނޑަކަށް ނިމުމަކާ ހަމައަށް އައިސްފައިވާއިރު އެ ތަނުގެ ބައެއް އާއްމުންނަށް ވަނީ މިހާރު ހުޅުވާލާފަ އެވެ.