ރާއްޖޭގައި ވެރިކަން ކުރަމުންދަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ކަމަށާއި ގާނޫނު އަސާސީގެ ތަރަހައިގެ ބޭރުން އެއްވެސް ބަޔަކަށް ސަރުކާރު ޖަވާބުދާރީ ކުރުމުގެ ފުރުސަތު ނޯންނާނެކަމަށް ވިލިމާލެ ދާއިރާގެ މެމްބަރު މުޙައްމަދު އިސްމާއީލް ވިދާޅުވެއްޖެ އެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި އެމްޑީޕީއަށް މެޖޯރިޓީ ދޭންވީ ސަރުކާރު ޖަވާބުދާރީ ކުރުވަން ކަމަށް ބުނެ ދައްކަމުން އަންނަ ވާހަކަތަކާ ގުޅިގެން މެމްބަރު ވިދާޅުވީ ލޯކަލް ކައުންސިލް އިންތިހާބުގައި ހޮވާ ކެންޑިޑޭޓުންނަކީ ސަރުކާރު ޖަވާބުދާރީ ކުރުމަށް ހޮވާ ބައެއް ނޫން ކަމަށެވެ.
ގާނޫނުން ވެސް ސަރުކާރު ޖަވާބުދާރީ ކުރުވުމަށް ކައުންސިލުތަކަށް ފުރުސަތުދީފައި ނުވާކަން މެމްބަރު ވިދާޅުވިއެއެވެ.
"ސަރުކާރު ޖަވާބުދާރީ ކުރާ ބޮޑީއެއް ނޫން ކައުންސިލުތަކަކީ. ވެރިކަން ކުރަނީ ތިން ބާރު ވަކިވެފައިވާ ނިޒާމެއްގެ ތެރެއިން ކަމަށް ވީއިރު ޖަވާބުދާރީ ކުރުވުމަށް ގާނޫނު އަސާސީގައި ބުނެފައިވާ ތަރަހައިގެ ބޭރުން އެއްވެސް ބަޔަކަށް ސަރުކާރު ޖަވާބުދާރީކުރުމުގެ މަސައްކަތެއް ނުކުރެވޭނެ. ޖަވާބުދާރީ ކުރުވަން އޮންނަ މުއައްސަސާތަކުން ޖަވާބުދާރީކުރުމުގެ މަސައްކަތް ކުރާނެ. " - މެމްބަރު ވިދާޅުވި އެވެ.
މެމްބަރު ވިދާޅުވީ އެމްޑީޕީން މިފަދަ ވާހަކަތައް ދައްކަނީ ރައްޔިތުންނަށް އޮޅުވާލުމުގެ މަގުސަދުގައި ކަމަށެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!