މާލޭގެ ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ކުރިއަށް ގެންދާ "ޕްރޮޖެކްޓް ފޯ ޑިޒާސްޓާ ރެސިލިއަންސް އެންހޭންސްމަންޓް އިން މާލެ އައިލެންޑް" މަޝްރޫއުގެ ދަށުން، ފެން ހިންދާ ނިޒާމް އިތުރަށް ތަރައްގީކުރުމުގެ އެއްބަސްވުމުގައި ޖަޕާނުގެ ކުންފުންޏަކާއެކު ސަރުކާރުން ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓަކްޗަރގެ އިން ސޮއިކޮށްފައި ވަނީ ޖަޕާންގެ ޓެކް އިންޓަރނޭޝަނަލް އިންކޯޕަރޭޝަން އާއެކުގައެވެ.
ޖަޕާނު ސަރުކާރުގެ އިކޮނޮމިކް އެންޑް ސޯޝަލް ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ދަށުން ކުރިއަށް ގެންދާ މި މަޝްރޫއުގެ ކޮންސްޓްރަކްޝަން ފޭސްގެ ޕެކޭޖް 2 ގެ މަސައްކަތު އެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ ޙަސަން ރަޝީދެވެ. އަދި ޓެކް އިންޓަރނޭޝަނަލްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ މަކޯޓޯ ޔޮކޮށީ އެވެ.
މަޝްރޫއުގެ ދަށުން ކުރެވޭނެ މައިގަނޑު މަސައްކަތްތައް
މި ޕެކޭޖުގެ ދަށުން މާލޭގެ ފެން ހިންދާ ނިޒާމް ހަރުދަނާކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރުމަށް ވަނީ ރޭވިފައެވެ. އޭގެ ތެރޭގައި:
މާލޭގައި ގާއިމްކޮށްފައިވާ 16 ޕަންމްޕް ސްޓޭޝަން އޮޓޮމޭޓްކުރުމަށް ބޭނުންވާ އާލާތްތައް ހަރުކުރުން.
މި 16 ޕަންމްޕް ސްޓޭޝަން އެއްތަނަކުން މޮނިޓަރ ކުރެވޭނެ ސެންޓްރަލައިޒްޑް މޮނިޓަރިންގް ސްޓޭޝަނެއް ގާއިމްކުރުން.
ފެންހިންދާ ނިޒާމު ބެލެހެއްޓުމަށާއި މެއިންޓެނަންސް މަސައްކަތްތަކަށް ބޭނުންވާ ޖެޓިންގ ވެހިކަލެއް ފޯރުކޮށްދިނުން.
މި މަޝްރޫއަކީ މާލެއަށް ބޯކޮށް ވާރޭވެހި ފެންބޮޑުވާ ވަގުތުތަކުގައި، އަވަސް މުއްދަތެއްގެ ތެރޭގައި ފެން ހިންދާލުމަށް މަގުފަހިކޮށްދިނުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ. މި ނިޒާމު އޮޓޮމޭޓް ކުރެވުމުން، ފެންބޮޑުވާ ހާލަތްތަކުގައި ޕަންޕުތައް ހިންގުމުގައި މިހާރަށްވުރެ ހަލުވި އަދި ފަސޭހަ އިންތިޒާމްތަކެއް ހަމަޖެހިގެންދާނެ ކަމަށް މިނިސްޓްރީން ބުނެއެވެ.
މާލޭގެ ފެންބޮޑުވުމުގެ މައްސަލައަކީ ގިނަ ދުވަސްތަކެއް ވަންދެން ހައްލެއް ނުލިބި އޮތް މައްސަލައަކަށްވާއިރު، ޖަޕާނު ސަރުކާރުގެ އެހީގައި ކުރިއަށްގެންދާ މި މަޝްރޫއުގެ ސަބަބުން މިކަމަށް ދާއިމީ އަދި ޒަމާނީ ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރެވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!