އިންސާނުންނަށް ކުރިމަތިވާ ކަންކަމުގައި އަވަސްވެގަތުމީ އޭނާގެ ކިބައިގައި ހުރި ނޭދެވޭ އުނި ސިފައެކެވެ. ހުތުރު ސިފައެކެވެ. އޭގެން ތިބާގެ ނަފުސު ސަލާމަތްކުރަން ޖެހޭ ސިފައެކެވެ.

އިންސާނުން އޭގެ ޒާތުގައި އަވަސްވާ ބައެއްކަން ބަޔާންކުރައްވައި الله سيحانه وتعالى ވަޙީކުރެއްވިއެވެ. ﴿وَكَانَ الْإِنسَانُ عَجُولًا﴾ ‎(‎الإسراء: ١١‏‏) މާނައީ: "އަދި އިންސާނާއަކީ، އަވަސްވެގަންނަ މީހަކު ކަމުގައިވިއެވެ."

Ad
rt

އަވަސްވެގެން އުޅުމަކީ ކަންކަން ގޯހުންގޯހަށް ދާ ކަމެކެވެ. ވަރަށް ގިނަ ފަހަރު ގެއްލުންވާ ކަމެކެވެ. އިސްލާމްދީން އިންސާނުންނަށް އަންގަވަނީ ހަމަހިމޭންވުމަށެވެ. އަވަސްވެ ނުގަތުމަށެވެ. މަޑުމައިތިރިވެގެން އުޅުމަށެވެ. ކަންކަމާ މެދު ވިސްނާ ފިކުރުކޮށް ތަދައްބުރުކުރުމަށެވެ.

ކަންކަމުގައި އަވަސްނުވެ ކަންކަން ތަޙައްމަލުކުރުމަކީ ﷲގެ ޙަޟްރަތުގައި ލޯބުވެތިކަން ބޮޑު ސިފައެކެވެ. އަޝައްޖު ޢަބްދުލް ޤައުސަށް ނަބިއްޔާ صَلَّىٰ اللهُ عَلَيْهِ وَسَلَّم ޙަދީޘްކުރެއްވިއެވެ. »إنَّ فيك خُلَّتَينِ يُحِبُّهما اللهُ: الحِلْمَ والأَناةَ. « (أخرجه أبو داود: 5225) މާނައީ: "ހަމަކަށަވަރުން ކަލޭގެފާނުގެ ކިބައިގައި ﷲ ލޯބިވެވޮޑިގެންވާ ދެ ސިފައެއް އެބަހުއްޓެވެ. އެއީ އޯގާތެރިކަމާއި ކަންކަން ތަޙައްމަލުކުރުމުގެ ސިފައެވެ."

އަވަސް އަރުވައިނުލާ، ހަމަހިމޭންވެ ފަހުން ނުކުމެދާނެ ނަތީޖާއަކަށް ބަލަން ކެތްރިކަމާ އެކު ހުރުމަކީ މުސްލިމުންގެ ކިބައިގައި ހުންނަޖެހޭ ރިވެތި ސިފައެކެވެ. އެއީ އެ ސިފަޔަށް ﷲ ލޯބިވެވޮޑީގެންވާ ސިފައެއްކަން އިސްވެދިޔަ ޙަދީޘުން އެނގިއްޖެއެވެ.

ތަޤުދީރުގެ ތެރެއިން ތިމާއާ ކުރިމަތިވާ ކަންކަމުގެ އުނދަގޫ ވަގުތުގައި އެ ކަންކަން ތަޙައްމަލުކޮށްގެން ހުރުމަކީ ވަރަށް މަދުބަޔަކަށް ނޫނީ ނުވާނެ ކަމެކެވެ. ވަރަށް ގިނަ ފަހަރު އެ ގޮތަށް ދިމާވާ ކަންކަމުގެ އާޚިރު ނަތީޖާ ވަރަށް ފޮނިވެއެވެ. އޭނާއަށް ޖެހުނު މުސީބާތާއި ކެކުޅުމަކީ ފަހުން ލިބެން އޮތް މޮޅަކަށް އޭނާ ތައްޔާރުކުރުން ކަމުގައި އެނގެނީ އެހާ ހިސާބުންނެވެ. އެހެނަސް، ފަހުން ފެންނާން އޮތް މޮޅާ ހަމައަށް ރިވެތި ގޮތުގައި ވާސިލުވާން ކެތްތެރިކަމާ އެކީ ތިބެނީ ވަރަށް މަދުބައެކެވެ.

މުޅި ދުނިޔޭގެ ދިރިއުޅުމަށް ބަލައިލި ކަމުގައި ވިޔަސް މި ޙަޤީޤަތް ފެންނާން އެބަ އޮތެވެ. މި ދުނިޔެއާ އަޅާ ބަލާއިރު އާޚިރަތަކީ މާ ބޮޑު ނިޢުމަތެކެވެ. މާ އަރާމު ދިރިއުޅުމެކެވެ. މާ ހިތްފަސޭހަ މަންޒިލެކެވެ. އެހެނަސް، ދުނިޔޭގެ ކުޑަކުޑަ އަދި ފަނާވަނިވި ނިޢުމަތެއް މީހަކަށް ލިބޭއިރަށް އާޚިރަތް މަތިން ހަނދުމަ ނެތިގޮސް ދުނިޔެއަށް ލޯބި ޖެހެއެވެ. އެ ލޯބީގައި އާޚިރަތް ނަގައިލެވޭ ހިސާބަށް ވެސް ދެއެވެ. މާތް ﷲ ވަޙީކުރެއްވިއެވެ. ﴿كَلَّا بَلْ تُحِبُّونَ الْعَاجِلَةَ(٢٠) وَتَذَرُونَ الْآخِرَةَ (٢١)‏﴾ ‎(‎القيامة‏‏) މާނައީ: "ހަމަހިލާ އެހެންނަކުން ނުވާނެއެވެ. އަދި ކިއެއްތަ! ތިޔަބައިމީހުން ލޯބިކުރަނީ ދުނިޔޭގެ ކަންތަކަށެވެ. (20) އަދި ތިޔަބައިމީހުން އާޚިރަތް ދޫކޮށްލަމުއެވެ. (21)"

އިންސާނުން އެ މީހުންގެ އެންމެ ދުރު މުސްތަޤުބަލަށް ނުވިސްނައެވެ. އެދެނީ ވަގުތީ ހަމަޖެހުމަށެވެ. ކަންކަމާމެދު ވިސްނާ ފިކުރުހިންގާކަށް ބޭނުމެއް ނުވެއެވެ. ދުނިޔޭގައި އުޅެނީ އާޚިރަތަށް ޓަކައިކަން ވެސް ގިނަ ފަހަރު ހަނދާނަކު ނުހުރެއެވެ. މިއީ އެ ކަން ހަނދާނކޮށް އަލުންބަލުން މީހާގެ ނަފުސު ދީނުގެމަގަށް ހާނުވަން އޮތް ފުރުޞަތެކެވެ. މި ރަމަޟާންމަސް ނިމުމުގެކުރިން ﷲގެ މަގަށް އެނބުރި އަންނާށެވެ! ތަޤުވާވެރިކަން ލިބިގަންނާށެވެ! ކެތްތެރިވެ މަޑުމައިތިރިވާށެވެ! ކަންކަމާ އަވަސް އަރުވާލައިގެން ނޫޅޭށެވެ!