އިސްރާއީލުގެ ޖައްބާރު ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނާއެކު ހަނގުރާމައަކަށް ތައްޔާރުވުމަށް އެ ގައުމުގެ ހޯމް ފްރަންޓް ކޮމާންޑަށް އަންގައިފި ކަމަށް ބުދަ ދުވަހުގެ ރޭ އިސްރާއީލުގެ މީޑިއާތަކުން ރިޕޯޓްކޮށްފިއެވެ.

އިސްރާއީލުގެ މަޝްހޫރު ނޫހެއް ކަމަށްވާ "ޔެދިއޯތު އަހްރޮނޯތު" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، ނަތަންޔާހޫ ވަނީ ސަލާމަތީ އެކި އިދާރާތަކަށާއި ހޯމް ފްރަންޓް ކޮމާންޑަށް ހަނގުރާމައަކަށް ތައްޔާރުވުމަށް ރަސްމީކޮށް އިރުޝާދު ދީފައެވެ.

Ad
rt

މި ނިންމުމާއެކު އިސްރާއީލުގެ ސަލާމަތީ ހުރިހާ މުއައްސަސާތަކެއް މިހާރު އޮތީ އެންމެ މަތީ ދަރަޖައިގެ އެލާޓްގައި ކަމަށްވެސް އެ ނޫހުން ބުނެފައިވެއެވެ.

މި މަސްރަހާ ގުޅޭގޮތުން އިސްރާއީލުގެ ދައުލަތުގެ ބްރޯޑްކާސްޓަރު 'ކާން' އިން ހާމަކުރި ގޮތުގައި، އީރާނުގެ މަސްރަހާ ގުޅޭގޮތުން މަޝްވަރާ ކުރުމަށް އަންނަ ބުރާސްފަތި ދުވަހަށް ތާވަލުކުރި ސެކިއުރިޓީ ކެބިނެޓްގެ ބައްދަލުވުން މިހާރު ވަނީ އަންނަ އާދީއްތަ ދުވަހަށް ފަސްކޮށްފައެވެ. ނަމަވެސް މި ބައްދަލުވުން ފަސްކުރަން ޖެހުނު ސަބަބާ ބެހޭ އެއްވެސް އިތުރު ތަފްސީލެއް ރަސްމީ އިދާރާތަކުން ހާމަކޮށްފައެއް ނުވެއެވެ.