ރަޝިޔާއިން ޔޫކްރެއިނާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި އެހީތެރިވުމަށް ފޮނުވި ސިފައިންގެ ތެރެއިން މަރުވި މީހުންގެ އާއިލާތަކަށް ޚާއްޞަކޮށްގެން، އުތުރު ކޮރެއާގެ ޕިޔޮންގްޔަންގްގައި ބިނާކުރި އާ ބޯހިޔާވަހިކަމުގެ ސަރަހައްދު އެގައުމުގެ ލީޑަރު ކިމް ޖޮންގް އުން ރަސްމީކޮށް ހުޅުއްވައިދެއްވައިފިއެވެ.
"ސޭޕްޔޮލް ސްޓްރީޓް" ގެ ނަމުން ނަންދެވިފައިވާ މި ސަރަހައްދަކީ މި ޖީލުގެ ފަޚުރެއް ކަމަށާއި، މިއީ ޕިޔޮންގްޔަންގާއި މުޅި ދައުލަތަށް ލިބިގެންދިޔަ މަތިވެރި ޝަރަފެއް ކަމަށް ކިމް ވިދާޅުވި ކަމަށް އެގައުމުގެ ރަސްމީ ނޫސް "ރޮޑޮންގް ސިންމުން" އިން ހޯމަ ދުވަހު ވަނީ ރިޕޯޓުކޮށްފައެވެ. މި މަޝްރޫއު އިފްތިތާޙް ކޮށްދެއްވަމުން ކިމް ވަނީ، ގައުމަށްޓަކައި ގުރުބާންވި ސިފައިންގެ ހަނދާންތަކާއި އެމީހުންގެ ނަންތައް ތާރީޚުގައި އަބަދަށް ދެމިއޮންނާނެ ކަމަށް ވިދާޅުވެފައެވެ.
މި ރިޕޯޓުގައި ރަޝިޔާގެ ނަން ސީދާ ގޮތެއްގައި ބޭނުންކޮށްފައި ނުވިނަމަވެސް، ރަޝިޔާގެ ރައީސް ލަޑީމިއަރ ޕުޓިން ނިންމަވާ ކޮންމެ ނިންމެވުމަކަށް އެއްވެސް ޝަރުތަކާ ނުލައި ތާއީދުކުރައްވާނެ ކަމަށް ކިމް މިދިޔަ ހަފުތާގައި ވަނީ ވިދާޅުވެފައެވެ. ދެގައުމުގެ ދެމެދުގައި އޮތް ދިފާއީ އެއްބަސްވުމުގެ ދަށުން، 2024 ވަނަ އަހަރު އުތުރު ކޮރެއާއިން ވަނީ އެތައް ހާސް ސިފައިންނެއް ޔޫކްރެއިނަށް ފޮނުވާފައެވެ.
ކިމް ވިދާޅުވި ގޮތުގައި، މި މަޝްރޫއު ވީހާވެސް އަވަހަކަށް ނިންމެވުމަށް ބާރުއެޅުއްވީ ހަނގުރާމައިގައި މަރުވި ސިފައިންގެ އާއިލާތަކަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ހޯދައިދިނުމުގެ މަގްސަދުގައެވެ. ކޭ.ސީ.އެން.އޭ އިން އާންމުކުރި ފޮޓޯތަކުން ފެންނަ ގޮތުގައި، ކިމް އާއި އޭނާގެ ދަރިކަނބަލުން ޖޫ އޭ ވަނީ މަރުވި ސިފައިންގެ އާއިލާތަކާ ބައްދަލުކުރައްވައި، އަލަށް އިމާރާތްކުރި ގެތަކަށް ޒިޔާރަތްކުރައްވާފައެވެ.
ދެކުނު ކޮރެއާގެ އިންޓެލިޖެންސް އިދާރާތަކުން ލަފާކުރާ ގޮތުގައި، ޔޫކްރެއިން ހަނގުރާމައިގައި އުތުރު ކޮރެއާގެ 6،000 އެއްހާ ސިފައިން ވަނީ މަރުވެ ނުވަތަ ޒަޚަމްވެފައެވެ. މި ހަނގުރާމައިގައި އެހީތެރިވުމުގެ ބަދަލެއްގެ ގޮތުން ރަޝިޔާއިން ދަނީ އުތުރު ކޮރެއާއަށް މާލީ އެހީތެރިކަމާއި، އަސްކަރީ ޓެކްނޮލޮޖީގެ އިތުރުން ކާބޯތަކެއްޗާއި ހަކަތައިގެ އެހީތެރިކަން ފޯރުކޮށްދެމުންނެވެ.
މި މަޝްރޫއު އިފްތިތާޙްކޮށްފައިވަނީ މި މަސް ނިމޭކޮޅު ބޭއްވުމަށް ހަމަޖެހިފައިވާ އުތުރު ކޮރެއާގެ އެންމެ ބޮޑު ސިޔާސީ ހަރަކާތް ކަމަށްވާ "ޕާޓީ ކޮންގްރެސް" އާ ދިމާކޮށްފައެވެ. އުތުރު ކޮރެއާއިން ދަނީ ފަހަކަށް އައިސް ހަނގުރާމައިގައި މަރުވާ ސިފައިންގެ ޝަރަފުގައި ތަފާތު ރަސްމިއްޔާތުތައް ބާއްވަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!