ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ އިންތިޚާބުގައި، ވޯޓަކާ ނުލައި ސަރުކާރު ހިންގާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) އަށް ޖުމްލަ 69 ގޮނޑި ކަށަވަރުވެއްޖެއެވެ.

މީގެ ތެރޭގައި ބޮޑު ތިލަދުންމަތީގެ ރަށްތަކުން އެކަނިވެސް އެ ޕާޓީން ވަނީ 12 ގޮނޑި ކަށަވަރުވެފައެވެ.

Ad
rt

ޕީއެންސީ އަށް ބޮޑު ތިލަދުންމަތިން ލިބުނު ގޮނޑިތަކުގެ ތެރޭގައި ހއ. އުތީމު ކައުންސިލްގެ ރައީސްކަމަށް އިންތިޚާބުވި ޢަބްދުﷲ ރަޝީދާއި، އެ ރަށު ކައުންސިލްގެ އަންހެނުންނަށް ޚާއްޞަ ގޮނޑި ކާމިޔާބުކުރި ޢަޒީމާ ޢަބްދުއްޞަމަދު ހިމެނެއެވެ. މީގެ އިތުރުން ހއ. ބާރަށް ކައުންސިލްގެ ރައީސްކަމަށް ޢަލީ ޝަމީމް އިންތިޚާބުވެފައިވާއިރު، ހއ. ތުރާކުނު ކައުންސިލް މެންބަރުކަމަށް އިސްމާޢީލް ޝާފިޢު ވަނީ އިންތިޚާބަކާ ނުލައި ހޮވިފައެވެ.

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ގޮނޑިތަކަށް ބަލާއިރު، ހއ. ތުރާކުނު، ހއ. އުލިގަން، ހއ. ވަށަފަރު، ހއ. އުތީމު، ހދ. ނޭކުރެންދޫ އަދި ށ. ކަނޑިތީމުގެ ރައީސްކަމުގެ ގޮނޑިތައް ޕީއެންސީގެ ކެންޑިޑޭޓުން ވަނީ ކަށަވަރުކޮށްފައެވެ. މީގެ ތެރޭގައި ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ދެ މެންބަރު ގޮނޑިވެސް ހިމެނެއެވެ.

އިދިކޮޅު އެމްޑީޕީއަށް އިންތިޚާބަކާ ނުލައި ކަށަވަރުވެފައިވަނީ ޖުމްލަ 6 ގޮނޑިއެވެ. އޭގެ ތެރޭގައި ބޮޑު ތިލަދުންމަތިން ހއ. މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްކަމާއި ދެ މެންބަރު ގޮނޑި އެ ޕާޓީން އަށް ވަނީ ލިބިފައެވެ.

އިންތިޚާބަކާ ނުލައި ގޮނޑިތައް ކަށަވަރުވި ގޮތުގެ ތަފްޞީލް:

ބޮޑު ތިލަދުންމަތިން ގޮނޑި ކަށަވަރުވި ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ކެންޑިޑޭޓުން

  • ހއ. އުތީމު ކައުންސިލްގެ ރައީސް، ، ޢަބްދުﷲ ރަޝީދު، ހއ. އުތީމު / ލަކީކޯނަރ
  • ހއ. އުތީމު ކައުންސިލްގެ އަންހެނުންނަށް ޙާއްސަކޮށްފައިވާ ގޮނޑި، ، ޢަޒީމާ ޢަބްދުއްޞަމަދު، ހއ. އުތީމު / މުސްތަރީ
  • ހއ. ބާރަށް ކައުންސިލްގެ ރައީސް، ޢަލީ ޝަމީމް، ހއ. ބާރަށް / ގޯލްޑަންހައުސް
  • ހއ. ތުރާކުނު ކައުންސިލްގެ މެންބަރު، އިސްމާޢީލް ޝާފިޢު، ހއ. ތުރާކުނު / ނިޔަދުރުމާގެ
  • ހއ. ތުރާކުނު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް، ޚުޒައިމާ މުޙައްމަދު، ހއ. ތުރާކުނު / ބުލޫހެވަން
  • ހއ. އުލިގަން އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް، އަމީނާ ޙަސަން، ހއ. އުލިގަން / އާހިޔާ
  • ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް، ޝާއިޤާ އަޙްމަދު ޝަފީޤު، ހއ. ވަށަފަރު / ފަޒާ
  • ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު، އާމިނަތު ނާއިލާ، ހއ. ވަށަފަރު / އޯކިޑްމާގެ
  • ހއ. ވަށަފަރު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު، އާމިނަތު ޒުހައިރާ، ހއ. ވަށަފަރު / މުނިޔާގެ
  • ހއ. އުތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް، ޢާއިޝަތު ޒަބީނާ، ހއ. އުތީމު / މާވިނަ
  • ހދ. ނޭކުރެންދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް، އާމިނަތު ސުވައިދާ، ހދ. ނޭކުރެންދޫ / ޖީޒާވިލާ
  • ށ. ކަނޑިތީމު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް، ފާޠިމަތު ފިރާޝާ، ށ. ކަނޑިތީމު / ޖަންބުމާގެ

ބޮޑު ތިލަދުންމަތިން ގޮނޑި ކަށަވަރުވި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)ގެ ކެންޑިޑޭޓުން

  • ހއ. މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސް، ޢާއިޝަތު ޢަޛުރާ، ހއ. މޮޅަދޫ / ފިނިފެންމާގެ
  • ހއ. މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު، މަރްޔަމް ރުޙުސާ، ހއ. މޮޅަދޫ / އެވަރޝައިން
  • ހއ. މޮޅަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު، ފާޠިމަތު ސަހުލާ، ހއ. މޮޅަދޫ / އަހިމާގެ

ކައުންސިލްތައް:
ޕީއެންސީ: 28 ގޮނޑި
އެމްޑީޕީ: 1 ގޮނޑި
އަދާލަތު ޕާޓީ: 1 ގޮނޑި
އަމިއްލަގޮތުން: 3 ގޮނޑި

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ:
ޕީއެންސީ: 41 ގޮނޑި
އެމްޑީޕީ: 5 ގޮނޑި
އަދާލަތު ޕާޓީ: 1 ގޮނޑި
އަމިއްލަގޮތުން: 2 ގޮނޑި

އިދިކޮޅު ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)އަށް އިންތިޚާބަކާ ނުލާ ކަށަވަރުވެފައިވަނީ 6 ގޮނޑިއެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ނަން އަނބުރާ ގެންދިއުމަށް ހުޅުވާލި މުއްދަތުގައި ޖުމްލަ 67 ކެންޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ. މީގެ ތެރޭގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ކުރިމަތިލީ 31 ކެންޑިޑޭޓަކު ހިމެނެއެވެ.

މި އިންތިހާބުގައި ވާދަކުރަން ޖުމުލަ 2,993 ކެންޑިޑޭޓުން ޝަރުތު ހަމަވާކަމަށް އީސީން ނިންމާފައިވާއިރު، އޭގެ ތެރޭގައި ހަ ސިޔާސީ ޕާޓީއެއްގެ ކެންޑިޑޭޓުން ހިމެނެ އެވެ.

މި އިންތިހާބުގައި ރަށު ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިހާބު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ އިތުރުން، އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ވެސް އެ އަދަދަށް މެމްބަރުން އިންތިހާބު ކުރާނެ އެވެ.

އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ތަފާސްހިސާބުތަކަށް ބަލާއިރު، މި އިންތިހާބުގައި ވޯޓުލުމުގެ ހައްގު ޖުމުލަ 294,937 މީހުންނަށް ލިބިގެންވެ އެވެ. މީގެ ތެރޭގައި ހިމެނެނީ 144,527 އަންހެނުންނާއި 150,410 ފިރިހެނުންނެވެ.

ލޯކަލް ކައުންސިލް އިންތިޚާބުގެ ބޭއްވުމަށް ހަމަޖެހިފައިވަނީ އޭޕްރީލް މަހުގެ 4 ވަަނަ ދުވަހު އެވެ.