މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެ ތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިއަދު ބުނިގޮތުގައި މި ފެބުރުވަރީ މަހުގެ 12 ވަނަ ދުވަހު ހިންގި ހާއްސަ އޮޕަރޭޝަނެއްގައި ހައްޔަރުކޮށްފައިވަނީ މ. މުލައް / މަދާރުގެ، ޙަސަން މަފާޒު (26އ) އާއި ހ. ފިލްމީސައިޓް / މާލެ، ވިޝާމް މުޙައްމަދު (35އ) އެވެ. މި ދެ މީހުން ހައްޔަރުކޮށްފައިވަނީ މުދާތަކެއްގެ ތެރޭގައި ފޮރުވައިގެން ރާއްޖެއަށް އެތެރެކޮށްފައިވާ 36 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އަތުލައިގަތުމާ ގުޅިގެންނެވެ.
މި މަސްތުވާތަކެތި ފެނިފައިވަނީ މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް ޝައްކުވެގެން ބެލި ބެލުމުގެ ތެރެއިންނެވެ. ކަސްޓަމްސްއިން މި ތަކެތި ފުލުހުންގެ ހިދުމަތާ ހަވާލުކުރުމާ ގުޅިގެން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގެ ތެރެއިން މި ދެ މީހުން ވަނީ އަތުލައިގަނެފައެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެ ދެ މީހުން ވެސް 15 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
މި މައްސަލައަކީ ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކޮށް ވިޔަފާރިކުރާ ނެޓްވޯކަކާ ގުޅުންހުރި މައްސަލައެއް ކަމަށް ބެލެވޭއިރު، ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.
މޯލްޑިވްސް ކަސްޓަމްސް ސާވިސަސް އިން އިއްޔެ ވަނީ ކަނޑުމަގުން ރާއްޖެ އެތެރެކުރަން ކުރަން އުޅުނު 29 މިލިއަން ރުފިޔާގެ ހަޝިޝް އޮއިލް އަތުލައިގަތް ހާމަކޮށްފައެވެ. ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި ރާއްޖެ އިން ބޭރުން މާލޭގެ ވިޔަފާރިވެރިންގެ ބަނދަރަށް ގެނައި މުދާ ޝިޕްމެންޓެއް ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި މިދިޔަ ބުރާސްފަތި ދުވަހު ފެނިގެން ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން އެ ތަކެތި ހަޝިޝް އޮއިލް އަށް ވަނީ ޕޮޒިޓިވްވެފައެވެ. މިތަކެތީގެ ބަރުދަނުގައި 36.43 ކިލޯ ހުރިކަމަށް ވެސް ކަސްޓަމްސް އިން ބުނެފަވެއެވެ.
މަސްތުވާތަކެތި ޓްރެފިކް ކުރުމަކީ ގާނޫނާ ޚިލާފަށް މަސްތުވާތަކެތި އެތެރެކުރުން، ބޭރުކުރުން، އުފެއްދުން، ވިއްކުން، ނުވަތަ ގިނަ އަދަދަކަށް ގެންގުޅުން ހިމެނޭ ބޮޑު ކުށެކެވެ. މިއީ މުޖުތަމައުގެ ސަލާމަތަށް ނުރައްކާވާ ފަދަ، ވިޔަފާރީގެ އުސޫލުން ކުރާ ޣައިރުގާނޫނީ ހަރަކާތެކެވެ.
މިއީ ރާއްޖޭގެ ގާނޫނުލްއުގޫބާތުގެ ދަށުން ވަރަށް ބޮޑެތި އަދަބުތައް ކަނޑައެޅިފައިވާ ކުށެކެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!