ކޯޕަރޭޓް މޯލްޑިވްސްގެ ފަރާތުން އިންތިޒާމުކޮށްގެން ބާއްވާ "ގޯލްޑް 100"ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު މަރުޙޫމު އަބްދުލް ރަޝީދަށާއި، ސަލާހު ޝިހާބަށް ލިބިވަޑައިގެންފިއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ގޯލްޑް 100 ގާލާގައި ރަޝީދު ކާޕެންޓަރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ)ގެ ޗެއާމަން މަރުހޫމު އަބްދުލް ރަޝީދުގެ ފަރާތުން ލައިފްޓައިމް އެޗީވްމަންޓް އެވޯޑާ ހަވާލުވެވަޑައިގެންނެވީ އޭނާގެ ދަރިކަލުން އަދި ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) އެވެ.
ރަޝީދުގެ އިތުރުން ގޯލްޑް 100ގެ ލައިފްޓައިމް އެޗީވްމަންޓް އެވޯޑު ލިބިވަޑައިގެންނެވީ ވޮޔޭޖަސް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު ސަލާހު ޝިހާބަށެވެ.
ރޭގެ ހަފްލާގައި ލައިފްޓައިމް އެވޯޑު ހަވާލުކޮށްދެއްވީ، ރޭގެ ހަފްލާގެ ޝަރަފުވެރި މެހެމާނު، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރެވެ.

ރަޝީދުގެ ފަރާތުން އެވޯޑާ ހަވާލުވެވަޑައިގެންނެވުމަށްފަހު ނާޒިމް ވިދާޅުވީ އެ އެވޯޑަކީ "ބައްޕަ ކުރި ބުރަ މަސައްކަތުގެ ނަތީޖާ" ކަމަށެވެ. އަދި 50 އަހަރަށްވުރެ ދިގު މުއްދަތަކަށް ކުރި ބުރަ މަސައްކަތުގެ އަޒުވަޒަންކުރެވިގެން ދިއުމަކީ އެ އާއިލާއަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް ނާޒިމް ވިދާޅުވިއެވެ.
ނާޒިމް އިތުރަށް ވިދާޅުވީ ބައްޕަ ދުނިޔޭގައި ހުންނެވި ނަމަ، ހަމަގައިމުވެސް އެ އެވޯޑު ލިބޭ ދުވަސް ވެގެންދިޔައީހީ ވަރަށް އުފާވެރި ދުވަހަކަށް ކަމަށާއި، ބައްޕަ ދުނިޔެއާ ވަކިވެގެންދިޔަ ނަމަވެސް، ބައްޕަ ކުރި މަސައްކަތް ހަނދާނުގައި ހުންނާނެކަމަށެވެ.
ކޯޕަރޭޓް މޯލްޑިވްސްދޭ "ގޯލްޑް 100 ގަލާ" އެވޯޑަކީ ރާއްޖޭގެ ކުރިއަރާފައިވާ ވިޔަފާރި ކުންފުނިތައް ފާހަގަކޮށް ދޭ އެންމެ ޝަރަފްވެރި އެވޯޑެވެ.
ގޯލްޑް 100 އާއި ގޯލްޑް 100 ގާލާ އަކީ ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތް ކުރާ އެކި ފަރާތްތަކުގެ އަގު ވަޒަން ކުރުމުގެ ގޮތުން ބާއްވާ ހަރަކާތެއްވެސްމެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!