ރައީސް ޑރ. މުޙައްމަދު މުޢިއްޒު ޖަރުމަނުވިލާތަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ބަރލިންގެ ހުމްބޯލްޑްޓް ޔުނިވަރސިޓީއަށް ޒިޔާރަތްކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ޚާއްޞަ ތަޤުރީރެއް ދެއްވައިފިއެވެ.

މި ތަޤުރީރުގައި އެމަނިކުފާނު ވަނީ މޫސުމީ ނޭދެވޭ ބަދަލުތަކުން ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ މައްޗަށް އަލިއަޅުއްވާލައްވައި، މޫސުމީ އިންސާފު ހޯދުމަށް ބައިނަލްއަގުވާމީ އެއްބާރުލުން ބޭނުންވާކަން ފާހަގަކުރެއްވިއެވެ.

Ad
rt

ރައީސްގެ ވާހަކަފުޅުގައި، ރާއްޖެއަކީ ޖައްވަށް ވިހަގޭސް ބޭރުކުރާ މިންވަރު މަދު ޤައުމަކަށް ވީނަމަވެސް، މޫސުމީ ބަދަލުތަކުގެ ސަބަބުން އެންމެ ބޮޑު ނުރައްކަލަކާ ކުރިމަތިލާންޖެހޭ އެއް ޤައުމުކަން ފާހަގަކުރެއްވިއެވެ. އަދި މޫސުމަށް އަހުލުވެރިވުމަކީ ރާއްޖޭގެ ދެމިއޮތުމާއި ސަގާފަތް ހިމާޔަތްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކަމަށާއި، މި މަސައްކަތްތައް ލަސްކުރުމަކީ މުސްތަގުބަލުގައި ކުރަންޖެހޭ ހޭދަ އެތައް ގުނައަކަށް އިތުރުވެގެންދާނެ ކަމެއްކަމަށް ވިދާޅުވިއެވެ.

މޫސުމީ ބަދަލުތަކަށް ހޭނުމަށް ބޭނުންވާ ފައިސާ ނުވަތަ 'އެޑަޕްޓޭޝަން ފައިނޭންސިންގް' ލިބުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލައްވަމުން، ރާއްޖެ ފަދަ ނާޒުކު ޤައުމުތަކަށް ލުއި ގޮތްތަކެއްގެ މަތިން ކްލައިމެޓް ފައިނޭންސް ކަށަވަރުކޮށްދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ. އަދި ގުދުރަތީ ވަސީލަތްތަކަކީ މޫސުމީ ނުރައްކާތަކުން ދިފާއުވުމަށް އޮތް އެންމެ އަގުހެޔޮ ވަސީލަތްތައް ކަމާއި، މުޖުތަމަޢުގެ ބައިވެރިވުން މިކަމުގައި އިތުރުކުރަންޖެހޭކަން ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ސައިންސާއި ސިޔާސަތުތައް އެކުލަވާލުމުގައި ޔުނިވަރސިޓީތަކުގެ ދައުރު ބޮޑުކަން ފާހަގަކުރައްވައި، މޫސުމީ ބަދަލުތަކާ ގުޅޭގޮތުން ފަތުރާ ދޮގު މައުލޫމާތުތަކާ ދެކޮޅަށް މަސައްކަތްކުރުމަށް އިލްމީ މުއައްސަސާތަކަށް ބާރުއެޅުއްވިއެވެ. އަދި ޖައްވަށް އެންމެ ގިނައިން ވިހަގޭސް ބޭރުކުރާ ޤައުމުތަކުން، ކުދި ޖަޒީރާ ޤައުމުތަކަށް ދޭ އެހީތެރިކަން އިތުރުކުރުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ގޮވާލައްވާފައެވެ.

ރައީސް މުޢިއްޒު، ފެބުރުވަރީ 9 އިން 13 އަށް ޖަރުމަނުވިލާތަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅަކީ އެ ގައުމުގެ ރައީސް ފްރޭންކް-ވޯލްޓަރ ޝްޓައިންމަޔަރ ގެ ދައުވަތަކަށް ކުރަށްވާ ދަތުރުފުޅެކެވެ.