އެމެރިކާގެ ޖަސްޓިސް ޑިޕާޓްމަންޓުން މިދިޔަ ހަފްތާގައި އާންމުކުރި ސަރުކާރުގެ ރަސްމީ ލިޔެކިޔުންތަކުން، އަބުރުގެއްލިފައިވާ މަހުޖަނު ޖެފްރީ އެޕްސްޓީންއަކީ އިސްރާއީލުގެ ޖާސޫސީ އިދާރާއަށް މަސައްކަތްކޮށްދީފައިވާ މީހެއްކަން ހާމަވެއްޖެއެވެ.
ބައިނަލްއަގްވާމީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި، އެތައް މިލިއަން ސޮފްހާއެއްގެ މައްޗަށް އެކުލެވޭ މި ލިޔެކިޔުންތަކުގައި، އެޕްސްޓީންއަކީ އިސްރާއީލުގެ ޖާސޫސެއްކަން އެފް.ބީ.އައި އަށް ސިއްރުން މަޢުލޫމާތުދޭ އިތުބާރު ހުރި ފަރާތަކުން ވަނީ ކަށަވަރުކޮށްދީފައެވެ.
ސަރުކާރުގެ މި ރިކޯޑުތަކުގައިވާ ގޮތުން، އެޕްސްޓީންގެ ވަކީލު އެލަން ޑާޝޯވިޓްޒް ވަނީ، އޭރުގެ ފްލޮރިޑާގެ ސަދަން ޑިސްޓްރިކްޓްގެ ޔޫ.އެސް އެޓާނީ އެލެކްސް އަކޯސްޓާ ގާތު، އެޕްސްޓީންއަކީ އެމެރިކާ އަދި އެކުވެރި ދައުލަތްތަކުގެ ޖާސޫސީ އިދާރާތަކާ ގާތް ގުޅުމެއް އޮންނަ މީހެއްކަމަށް ބުނެފައެވެ. މަޢުލޫމާތުދޭ ފަރާތުން ހިއްސާކޮށްފައިވާ ގޮތުގައި، ޑާޝޯވިޓްޒް އާއި އެޕްސްޓީންއާ ދެމެދު ކުރެވުނު ފޯނު ކޯލްތަކަށްފަހު، އިސްރާއީލުގެ ޖާސޫސީ އިދާރާ (މޮސާޑް) އިން ވަނީ ޑާޝޯވިޓްޒްއަށް ގުޅައި ކަންކަން އޮޅުންފިލުވާފައެވެ.
މި ލިޔުންތަކުގައި ބަޔާންކޮށްފައިވާ ގޮތުގައި، އެޕްސްޓީންއަކީ އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު އިހޫދު ބަރަކްއާ ގާތް ގުޅުމެއް އޮތް، އަދި އޭނާގެ ދަށުން ޖާސޫސެއްގެ ގޮތުގައި ތަމްރީނުވެފައިވާ މީހެކެވެ. އިހޫދު ބަރަކްއަކީ ބެންޖަމިން ނަތަންޔާހޫއަކީ ކުށްވެރިއެއް ކަމަށް ގަބޫލުކުރާ މީހެއްކަން ފާހަގަކޮށް، ސަރަހައްދީ ސިޔާސީ ވާދަވެރިކަމުގެ ތެރެއިން އެޕްސްޓީންއަކީ މޮސާޑުގެ އެޖެންޓެއްކަން މަޢުލޫމާތުދޭ ފަރާތަށް ޔަގީންވެފައިވާ ކަމަށް ވެސް އެ ރިޕޯޓުގައިވެއެވެ. ނަމަވެސް، މި ލިޔުމުގައި "ކުރީގެ ރިޕޯޓުތަކަށް ބަލާ" މިހެން ނޯޓެއް އޮތް ނަމަވެސް، އެއީ ސީދާ ކޮން ކަމަކަށް އިޝާރާތްކޮށް ބުނެފައިވާ އެއްޗެއްކަން ސާފެއް ނޫނެވެ.
މަޢުލޫމާތުދޭ ފަރާތުން އިތުރަށް ބުނެފައިވަނީ، ޑާޝޯވިޓްޒްއަކީ މޮސާޑުގެ މަގްސަދުތަކަށް ފުރިހަމައަށް ތާއީދުކުރާ، އެމީހުންގެ ނުފޫޒުގެ ދަށުގައި ހުރި މީހެއް ކަމަށެވެ. އަދި ޑާޝޯވިޓްޒް ބުނެފައިވާ ގޮތުގައި، އޭނާ އަލުން ޒުވާންވި ނަމަ، މޮސާޑް އެޖެންޓެއްގެ ގޮތުގައި "ސްޓަން ގަން" އެއް ހިފައިގެން މަސައްކަތްކުރާނެ ކަމަށް ވެސް އެފް.ބީ.އައި އަށް ދީފައިވާ މަޢުލޫމާތުގައިވެއެވެ.
އެޕްސްޓީން މަރުވެފައި އޮއްވާ ފެނުނީ 2019 ވަނަ އަހަރު، ޖިންސީ ވަގުފާރީގެ ދަޢުވާތަކުގެ ޝަރީޢަތް ފެށެންދެން ނިއުޔޯކްގެ ޖަލެއްގައި ބަންދުކޮށްފައި ހުއްޓައެވެ. މީގެ ކުރިން 2008 ވަނަ އަހަރު، ކުޑަކުދިން ލައްވައި ހަށިވިއްކުވި ކަމަށް އޭނާ އިއުތިރާފުވުމުން، އޭރުގެ ޔޫ.އެސް އެޓާނީ އަކޯސްޓާގެ ބެލުމުގެ ދަށުން އޭނާއަށް ދީފައިވާ ލުއި އަދަބަކީ ނުހައްގު އިނާޔަތްތަކެއް ކަމަށް ބުނެ ގިނަ ބަޔަކު ވަނީ ފާޑުކިޔާފައެވެ.
އެޕްސްޓީންގެ ޝިކާރައަކަށްވި މީހުން ތުހުމަތުކުރާ ގޮތުގައި، އޭނާ ވަނީ ދުނިޔޭގެ ނުފޫޒުގަދަ ސިޔާސީ ވެރިންނާއި މުއްސަނދިން އަމާޒުކޮށްގެން، ބޮޑު ޖިންސީ ވަގުފާރީގެ ނެޓްވޯކެއް ހިންގާފައެވެ. މިދިޔަ ހަފްތާގައި އާންމުކުރި ލިޔެކިޔުންތަކުގައި ސިޔާސީ އަދި މާލީ ދާއިރާގެ ގިނަ އަދަދެއްގެ ނުފޫޒުގަދަ ބޭފުޅުންގެ ނަންތައް ހިމެނިފައިވެއެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!