ދަރުމަވަންތަ ހޮސްޕިޓަލުގެ ނެޝަނަލް ފަރޓިލިޓީ ސެންޓަރުގެ ތާރީޚީ ކާމިޔާބީތައް ފާހަގަކުރުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތު ރައީސް ޑރ. މުޙައްމަދު މުޢިއްޒު އާއި އެމަނިކުފާނުގެ އަނބިކަނބަލުން މެޑަމް ސާޖިދާ މުޙައްމަދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތު ބާއްވާފައިވަނީ އިއްޔެ ހަވީރު ދަރުމަވަންތަ ހޮސްޕިޓަލުގެ 24 ވަނަ ފަންގިފިލާގައެވެ.

Ad
rt

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މި ރަސްމިއްޔާތަށް ވަޑައިގަތުމުން މަރުޙަބާ ދެންނެވީ މިނިސްޓަރ އޮފް ހެލްތް ޢަބްދުﷲ ނާޡިމް އިބްރާހީމާއި، މާލޭ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްގެ އިސްވެރިންގެ އިތުރުން ނެޝަނަލް ފަރޓިލިޓީ ސެންޓަރުގެ އިސް ބޭފުޅުންނެވެ.

މި ރަސްމިއްޔާތުގައި ނެޝަނަލް ފަރޓިލިޓީ ސެންޓަރުން ވޭތުވެދިޔަ އެއް އަހަރު ދުވަހުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކާއި ލިބުނު ކާމިޔާބީތަކުގެ މައްޗަށް ތައްޔާރުކޮށްފައިވާ ޕްރެޒެންޓޭޝަނެއް ވަނީ ހުށަހަޅާފައެވެ.

ރިޔާސީ ވަޢުދާއި ދަރިމައިވުމުގެ ފަރުވާ

ދަރިމައިވުމާ ގުޅޭ ފަރުވާތަކުގެ ތެރޭގައި ހިމެނޭ އައި.ވީ.އެފް އަދި އައި.ޔޫ.އައި ގެ ފަރުވާ އާސަންދައިގެ ތެރެއިން ހަމަޖައްސައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދާ އެއްގޮތަށް، އާސަންދަ އަދި ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ) މެދުވެރިކޮށް ރާއްޖެއިން ބޭރުންވެސް މި ފަރުވާތައް މިހާރު ލިބޭނެ އިންތިޒާމު ވަނީ ހަމަޖައްސައިދީފައެވެ.

ދަރުމަވަންތަ ހޮސްޕިޓަލުގައި ގާއިމުކޮށްފައިވާ ނެޝަނަލް ފަރޓިލިޓީ ސެންޓަރަކީ 2024 ނޮވެންބަރު މަހު ހުޅުވި ސެންޓަރެކެވެ. މި ސެންޓަރުގެ އެންމެ ބޮޑު އެއް ކާމިޔާބީއަކީ 2026 ޖަނަވަރީ 7 ވަނަ ދުވަހު އެ ސެންޓަރުގައި ފުރަތަމަ ފަހަރަށް އައި.ވީ.އެފް މެދުވެރިކޮށް ކުއްޖަކު އުފަންވުމެވެ.