ލޯކަލް ކައުންސިލްތަކުގެ އިންތިޚާބާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިޚާބު 2026 އަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ ފޯމު އޮންލައިންކޮށް ހުށަހެޅޭނެ ވަގުތު އިލެކްޝަންސް ކޮމިޝަނުން (އީސީ) އިތުރުކޮށްފިއެވެ.
މި ބަދަލާއެކު އިންތިޚާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށަހެޅުމުގައި އިތުރު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި، ފޯމު ހުށަހެޅުމުގެ ވަގުތު ވަނީ 2 (ދޭއް) ގަޑިއިރަށް އިތުރުކޮށްފައެވެ. މި ބަދަލަށް އަމަލުކުރަން ފަށާނީ 2026 ޖަނަވަރީ 28 ވަނަ ދުވަހުން ފެށިގެންނެވެ. އަދި މި ފުރުޞަތު 2026 ފެބުރުވަރީ 1 ވާ އާދިއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.
ވަގުތުތަކަށް ގެނައި ބަދަލާއެކު، ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 05:30 އަށް ފޯމު ހުށަހެޅޭނެއެވެ. އަދި ހުކުރު ދުވަހު ފޯމު ހުށަހެޅުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 03:30 އިން ރޭގަނޑު 08:00 އަށެވެ.
މި އިންތިޚާބަކީ ރަށްރަށުގެ ތަރައްޤީއާއި އަންހެނުންގެ ކުރިއެރުމަށް މަސައްކަތްކުރާ ކޮމިޓީތަކަށް މެންބަރުން އިންތިޚާބު ކުރުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ.
އީސީން އަންނަނީ އިންތިޚާބުގެ ކަންކަން ވީހާވެސް އޮމާންކަމާއެކު ކުރިއަށް ގެންދިއުމަށްޓަކައި މަސައްކަތްކުރަމުންނެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!