އީރާނުގެ ސަރަހައްދަށް ދެވޭ ކޮންމެ ބާވަތެއްގެ ހަމަލާއަކީ ވެސް އެ ގައުމާ ދެކޮޅަށް ކުރެވޭ "ފުރިހަމަ ހަނގުރާމައެއް" ކަމުގައި ބަލާނެ ކަމަށާއި، އެފަދަ ކަމަކަށް އެންމެ ހަރުކަށި އިބާރާތުން ރައްދު ދޭނެ ކަމުގެ އިންޒާރު އީރާނުގެ އިސް އޮފިޝަލަކު ދެއްވައިފިއެވެ.
މި އިންޒާރު ދެއްވާފައިވަނީ ކުރިއަށް އޮތް ދުވަސްތަކުގައި އެމެރިކާގެ އަސްކަރީ މަތިންދާބޯޓު އުފުލާ މަނަވަރުތަކާއި އިތުރު އަސްކަރީ ވަސީލަތްތައް މެދުއިރުމައްޗަށް އައުމަށް ތައްޔާރުވަމުންދާ ދަނޑިވަޅެއްގައެވެ.
ނަން ހާމަނުކުރުމަށް އެދި ވާހަކަދައްކަވަމުން ބައިނަލްއަގްވާމީ ބައެއް މީޑިއާތަކަށް އެ އޮފިޝަލް ވިދާޅުވީ، އެމެރިކާގެ އަސްކަރީ ބާރުތައް ޖަމާކުރުމަކީ ހަގީގީ ކުރިމަތިލުމަކަށް އަމާޒުކޮށްގެން ކުރާ ކަމެއް ނޫން ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. ނަމަވެސް، އީރާނުގެ އަސްކަރިއްޔާ އޮތީ އެންމެ ގޯސް ހާލަތަކަށް ވެސް ތައްޔާރަށް ކަމަށާއި، އެ ގައުމުގެ ހުރިހާ ދާއިރާއެއް މިހާރު އޮތީ މަތީ ސަމާލުކަމަކަށް ގެނެވިފައި ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ކޮންމެ ހަމަލާއަކަށް ވަރުގަދަ ރައްދެއް
"މިފަހަރު އަހަރެމެންނަށް ދޭ ކޮންމެ ހަމަލާއެއް، އެއީ މަދު މިންވަރެއްގެ، ހައްދެއް ނެތް، ވަކި އަމާޒަކަށް ދެވޭ، ނުވަތަ ކިނެޓިކް ހަމަލާއެއް ކަމަށް ވިޔަސް، އެމީހުން ކޮންމެ ނަމެއް ކިޔަސް، އެއީ އަހަރެމެންނާ ދެކޮޅަށް ކުރެވޭ ފުރިހަމަ ހަނގުރާމައެއްގެ ގޮތުގައި ބަލާނަން،" އީރާނަށް ދެވޭ ހަމަލާތަކާ ގުޅޭގޮތުން އޮފިޝަލް ވިދާޅުވެފަވެއެވެ.
މިފަދަ ކަމެއް ހިނގައިފިނަމަ، އެކަން ނިންމުމަށްޓަކައި އީރާނުން އެންމެ ހަރުކަށި ގޮތެއްގައި ރައްދު ދޭނެ ކަމުގެ ޔަގީންކަން އޭނާ ދެއްވިއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ބުރާސްފަތި ދުވަހު ވިދާޅުވެފައިވަނީ އެމެރިކާގެ މަނަވަރުތަކުގެ ފައުޖެއް ނުވަތަ "އާމާޑާ" އެއް އީރާނާ ދިމާލަށް ދަތުރުކުރަމުންދާ ކަމަށެވެ. ނަމަވެސް އެ ބާރުތައް ބޭނުންކުރަން ނުޖެހޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ. މީގެ އިތުރުން، އީރާނުގެ ނިއުކްލިއާ ޕްރޮގްރާމް އަލުން ފެށުމާ ދެކޮޅަށް ވެސް ޓްރަމްޕް ވަނީ އިންޒާރުތައް އާކުރައްވާފައެވެ.
އިސްތިގުލާލު ދިފާއުކުރުން
އީރާނުގެ އޮފިޝަލް އިތުރަށް ވިދާޅުވީ، އެމެރިކާއިން އީރާނުގެ އިސްތިގުލާލާއި ސަރަހައްދީ ނަޒާހަތްތެރިކަމާ ހިލާފުވެއްޖެ ނަމަ ރައްދު ދޭނެ ކަމަށެވެ. ނަމަވެސް އެ ރައްދު އޮންނާނެ ގޮތުގެ ތަފްސީލެއް އޭނާ ނުދެއްވައެވެ.
"އެމެރިކާގެ އަސްކަރީ ބިރުވެރިކަމުގެ ދަށުގައި އަބަދު އޮންނަ ގައުމަކަށް، އީރާނަށް ހަމަލާދޭން ކެރޭ ކޮންމެ ފަރާތަކާ ދެކޮޅަށް ރައްދު ދިނުމަށާއި، ކުރިމަތިލުމުގެ ހަމަހަމަކަން ގާއިމުކުރުމަށްޓަކައި އަތުގައި ހުރި ހުރިހާ ވަސީލަތެއް ބޭނުންކުރުން ނޫން އިތުރު ގޮތެއް ނެތް،" އޭނާ ވިދާޅުވިއެވެ.
މާޒީގައި ވެސް ނުތަނަވަސްކަން ބޮޑުވާ ދަނޑިވަޅުތަކުގައި އެމެރިކާއިން މެދުއިރުމައްޗަށް ފައުޖުތައް ފޮނުވާފައިވެއެވެ. މީގެ ކުރިން މިދިޔަ އަހަރުގެ ޖޫން މަހު އީރާނުގެ ނިއުކްލިއާ ޕްރޮގްރާމަށް ދިން ހަމަލާތަކުގެ ކުރިން ވެސް އެމެރިކާއިން ވަނީ އެ ސަރަހައްދަށް ބޮޑު އަސްކަރީ ފައުޖެއް ޖަމާކޮށްފައެވެ.
ކިޔުންތެރިންގެ ފިނިއަށި 0 ޚިޔާލެއް ލިބިފައިވޭ!