ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވިއައިއޭ)ގެ އާ ޓާމިނަލް ނުވަތަ ޓާމިނަލް އެކެއްގެ ސީޕްލޭން ކައުންޓަރުތަކުން ފަސިންޖަރުންނަށް ހިދުމަތް ދޭން އިއްޔެ ފަށައިފިއެވެ.

މިދިޔަ އަހަރުގެ ޖުލައި 26 ގައި ރަސްމީކޮށް ހުޅުވި މި ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތައް ހުޅުވީ އެރައިވަލް ގޭޓާ ޖެހިގެން އޮތް ޖާގައިގައެވެ.

Ad
rt

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ބުނީ މި އާ ސަރަހައްދަކީ ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އެތެރޭގެ އުދުހުންތައް ހިތްފަސޭހަކަމާއެކު ފެށޭނެ އޭރިއާއަކަށް ވާނެ ކަމަށެވެ. އަދި ސީޕްލޭން ޗެކިން ކައުންޓަރުތައް ގާއިމްކޮށްފައިވާ ސަރަހައްދަކީ އެއާކޮންޑިޝަން ކޮށްފައިވާ، ފަސިންޖަރުން ގަޔާވާނެ ފަދަ މާހައުލެއް ކަމަށްވެސް އެ ކުންފުނިން ފާހަގަކުރިއެވެ.

އާ ޓާމިނަލްގެ ސީޕްލޭން ކައުންޓަރުތައް ހުޅުވުމުގެ ކުރިން، މިދިޔަ ޑިސެމްބަރު މަހު ވަނީ ޓްރަޔަލްތަކެއް ބާއްވާފައެވެ. މި ޓްރަޔަލްތައް ކުރިއަށް ގެންގޮސްފައިވަނީ ގައުމީ އެއާލައިން މޯލްޑިވިއަން އާއި ވިލާގެ ފްލައިމީއާ ގުޅިގެންނެވެ. މީގެ ކުރިން ނޫވިލު ސީޕްލޭން ޓާމިނަލަށް ދާ މީހުންގެ ޗެކިން ހަދަމުން ދިޔައީ އެއާޕޯޓުގެ ކުރީގެ ޓާމިނަލްގައެވެ.

ވިއައިއޭގެ އާ ޓާމިނަލް ތަރައްގީކުރުމަށް 457 މިލިއަން ޑޮލަރު (ހަތް ބިލިއަން ރުފިޔާ) ހޭދަކޮށްފައިވާއިރު، މިހާރު މި ޓާމިނަލްގެ ހިދުމަތް 39 އެއާލައިނަކުން ދަނީ ހޯދަމުންނެވެ. އެންމެ ފަހުން މި ޓާމިނަލުން ހިދުމަތް ދޭން ފެށީ ރަޝިޔާގެ ގައުމީ އެއާލައިން އެރޯފްލޮޓަށެވެ. މި އާ ބަދަލާއެކު، ފަސިންޖަރުން ޗެކިންވުމަށްފަހު ސީޕްލޭން ޓާމިނަލް "ނޫވިލު" އަށް ގެންދިއުމުގެ އިންތިޒާމުތައްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.