އެމެރިކާ އާއި އިސްރާއީލުގެ ވާގިވެރިކަމާއެކު އީރާނުގައި އާންމުން މުޒާހަރާކުރާ ކުރަމުން އަންނައިރު، އެމެރިކާއިން އީރާނަށް ހަމަލާދީފިނަމަ ބަދަލުހިފާނެކަމުގެ އިންޒާރު އެ ގައުމުން ދީފިއެވެ.

ވީޑިއޯތަކާއި މަންޒަރުދުށް މީހުންގެ ބަޔާންތަކާއި ހަވާލާދީ ބައިނަލްއަގްވާމީ ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި އީރާނުގެ ހުރިހާ ޕްރޮވިންސެއްގެ 100 އަށްވުރެ ގިނަ ސިޓީތަކާއި ރަށްތަކަށް ފެތުރިފައިވާ މި މުޒާހަރާތައް ހުއްޓުވުމަށް ސަރުކާރުން ދަނީ ފިޔަވަޅުތައް ވަރުގަދަކުރަމުންނެވެ.

Ad
rt

މިހާލަތުގައި އެމެރިކާއިން ވަނީ އީރާނަށް ހަމަލާދޭނެ ކަމުގެ އިންޒާރު ދީފައެވެ. އީރާނުގެ މަޖިލީހުގެ ރައީސް އިންޒާރު ދެއްވި ގޮތުގައި، އެމެރިކާއިން ހަމަލާދީފިނަމަ، އިޒްރޭލުގެ އިތުރުން އެ ސަރަހައްދުގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކާއި މުދާ އުފުލާ ބޯޓުފަހަރުތަކަކީ ހަމަލާދެވޭނެ އަމާޒުފަތްތަކަކަށް ވާނެއެވެ.

ވެރިރަށް ތެހެރާނުގައި މުޒާހަރާގެ ބައިވެރިން ގޮވާލަމުންދަނީ އީރާނުގެ އެންމެ މަތީ ވެރިޔާ އާޔަތުﷲ އަލީ ޚާމަނާއީގެ ދީނީ ވެރިކަން ނިމުމަކަށް ގެނައުމަށެވެ.

އީރާނުގެ އެޓާނީ ޖެނެރަލް ވިދާޅުވީ މުޒާހަރާކުރާ ކޮންމެ މީހަކީ "ކަލާނގެ ދުޝްމަނެއް" ކަމަށް ބެލެވޭނެ ކަމަށެވެ. މިއީ މަރުގެ އަދަބު ކަނޑައެޅޭ ކުށެކެވެ. ހަމައެއާއެކު، ޚާމަނާއީ ވަނީ މުޒާހަރާގެ ބައިވެރިންނަކީ ޓްރަމްޕް "އުފާކޮށްދޭން" އުޅޭ "ތަންތަން ސުންނާފަތިކުރާ ބައެއް" ކަމަށް ސިފަކުރައްވާފައެވެ.

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހު ވިދާޅުވީ، އީރާނުން "މިނިވަންކަމަށް އެދެމުންދާއިރު"، އެމެރިކާ އޮތީ "އެހީތެރިވުމަށް ތައްޔާރަށް" ކަމަށެވެ.

އީރާނުގެ ރައީސް މަސްއޫދު ޕެޒެޝްކިއަން ވަނީ މި ހަމަނުޖެހުންތަކުގެ ޒިންމާ އެމެރިކާއާއި އިޒްރޭލުގެ ބޮލުގައި އަޅުވާފައެވެ.

"އެމީހުން ވަނީ ގައުމުގެ އެތެރެއާއި ބޭރުގައި ވަކި ބަޔަކަށް ތަމްރީނުދީ، ބޭރުން ޓެރަރިސްޓުން ގައުމަށް ވައްދައި، މިސްކިތްތަކުގައި ހުޅުޖަހައި، ރަޝްތުގެ މާރުކޭޓުތަކާއި ވިޔަފާރިވެރިންނަށް ހަމަލާދީ ބާޒާރުގައި އަލިފާން ރޯކޮށްފައި" އީރާނުގެ ރައީސް ވިދާޅުވެފަވެއެވެ.

މުޒާހަރާތައް ވަރުގަދަވަމުންދާއިރު، އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ރިޕޯޓްކުރާ މަރުވާ މީހުންނާއި އަނިޔާވާ މީހުންގެ އަދަދު ދަނީ އިތުރުވަމުންނެވެ.